24 Aug 2017, 00:15
މަޖިލީހުގެ ބައެއް މެމްބަރުންގެ ސޯޝަލް މީޑިއާއަށް ދޫކުރާ ފޭސްބުކް ލައިވް، ޓީވީ ޗެނަލްތައް މެދުވެރިކޮށް ބްރޯޑްކާސްޓްް ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް މުސާ މަނިކު ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން "ރުމާލު 2" ޖަގަހާގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުސަ ވިދާޅުވީ މަޖިލީހުގައި ހަމަޖެހިފައިވާ އުސޫލުތަކުގެ ބޭރުން މަޖިލީހުގެ އެތެރޭގައި ހިނގާ ކަންތައްތައް ދުރަށް ދެއްކުމަކީ ކުށެއް ކަމަށެވެ.
އެ އުސޫލުން ބޭރުން ރާއްޖޭގެ ބައެއް ޓީވީ ސްޓޭޝަންތަކުން ބްރޯޑްކާސްޓް ކުރަމުންދާ ކަމަށް އިޝާރާތް ކުރައްވައި މޫސަ ގޮވާލެއްވީ ބްރޯޑްކާސްޓިން ކޮމިޝަނުން އެކަން ބެލުމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ޖަލްސާއެއް މަޖިލީހުގެ ސިސްޓަމް ބޭނުންކޮށްގެން ބްރޯޑްކާސްޓް ކުރަމަކުން ނުގެންދަން. ބްރޯޑްކާސްޓް ކުރާ ފަރާތްތަކުން އެ ކުރަނީ ކުށެއް. އޭގެ ތެރޭގައި އާންމު އިޖްތިމާއީ [މިންގަނޑާ ހިލާފު] ކަންތައްތައް ހިނގާފައި އެބަހުރި. އެކަންތައްތައް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ޖެހޭނެ،" މޫސަ ވިދާޅުވިއެވެ.
އިދިކޮޅު މަޖިލިސް މެމްބަރުންނަށް ފާޑުވިދާޅުވެ، މޫސަ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަޖިލިސް ބާއްވަން ބޭނުންވަނީ މާފަންނު ކުނޫޒުގައި ސިޔާސީ ޖަލްސާ ބާއްވާ ގޮތަށް ކަމަށެވެ.
"މަޖިލިސް ހިންގުމުގެ ބާރު ގާނުނު އަސާސީގައި ދީފަ އެބައޮތް މަޖިލީހުގެ ރައީސްއަކަށާއި އެތަނުގެ މުޅި އެޑްމިނިސްޓްރޭޓިވް މަސައްކަތް ކުރާ މީހުންނަށް. އެކަމަކު މިހާރު މަޖިލިސް ކަންކުރަންވާނެ ގޮތާއި މަޖިލިސް ހިނގަންވާނެ ގޮތް މި އެނގެނީ ކުނޫޒް ގަ ތިބި ބަޔަކަށް. މިކަން އަޅުގަނަޑަށް ވަރަށް ބޮޑުވެގެން މި އުޅެނީ،" މޫސަ ވިދާޅުވި އެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް 45 މެމްބަރުންގެ ސޮއި މަޖިލީހަށް ހުށަހަޅި ކަމުގައިވިޔަސް އެ ކަމަކީ މަސީހުގެ ހައިސިއްޔަތު ގެއްލޭނެ ކަމެއް ނޫން ކަމަށެވެ. އެ މައްސަލަ ކުރިއަށް ގެންދަން ބެލި އިރު މައްސަލަ ކުރިއަށް ގެންދަން ބޭނުންވާ ވަރަށް މެމްބަރުންގެ ސޮއި ހަމަނުވާ ކަމަށް މޫސަ މިރޭ ވިދާޅުވި އެވެ.
މިރޭ ކުރިއަށް ދިޔަ ހަރުގެ ޖަލްސާގައި މޫސަ ވަނީ އިންޓަރ ޕާލިމަންޓް ޔޫނިއަން (އައިޕީޔޫ) އަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އައިޕީޔޫ އަކީ ވަކި ބަޔަކު ބޭނުންވާ ގޮތައް މަޖިލިސް ބައްޓަން ކުރުމަށް ގޮވާލަން އޮންނަ ތަނެއް ނޫން ކަމަށާއި އިދިކޮޅު މެމްބަރުން ދައްކާހާ ވާހަކައެއް އަޑު އަަހައިގެން ބަޔާން ނެރުމަކީ އެ ޔޫނިއަންގެ ޒިންމާ ނޫން ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން މަޖިލިސް ހިންގަނީ އައިޕީޔޫއިން ނޫން ކަމަށް ވިދާޅުވެފަ އެވެ.