24 Aug 2017, 09:01
މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ކުރިއަށް އޮތް ތާނގައި އުފައްދާ ފެންފުޅިތައް ރިސައިކަލް ކުރަން ހުށަހަޅާ ފަރާތްތަކަށް އެކަށީގެންވާ ބަދަލެއް ދޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާލުވެއްޖެއެވެ.
މިއަހަރުގެ ތިމާވެށިގެ ދުވަހު "އެމްޑްބްލިއުއެސްސީ ރިސައިކަލްސް" ގެ ނަމުގައި ބޭއްވި މައުރަޒުގެ ނަތީޖާ އިއުލާން ކުރުމަށް ރޭ ނެޝަނަލް އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ފަޒުލް ވިދާޅުވީ ރިސައިކަލް ކުރުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށާއި އަދި ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަ ކުރަން ޖެހޭ ކަމަށެވެ.
"ކުރިއަށް އޮތް ތާނގައި އަޅުގަނޑުމެން އުފައްދާ ކޮންމެ ބޮޓަލްއެއް އަނބުރާ ރައްދުކޮށްފިއްޔާ އޭގެ ހައްގު އަގެއް އެ ފަރާތަށް އަޅުގަނޑުމެން އަދާކުރާނަން. ފެންފުޅި ރިސައިކަލް ކުރުމުގެ އެވެއާނަސް އަޅުގަނޑުމެން އެބަ ޖެހޭ އިތުރުކުރަން،" ފަޒުލް ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީގެ ރިސައިކަލް މައުރަޒުގެ ނަތީޖާ އިއުލާން ކުރުމަށް ބޭއްވި ރަސްމިޔާތުގެ ތެރެއިން--ފޮޓޯ: ފޭސްބުކް
އެމްޑަބްލިއުއެސްސީ އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އެ މައުރަޒަކީ ޕްލާސްޓިކް ބޭނުން ކޮށްގެން އުފެއްދުންތައް ތައްޔާރުކޮށް ދައްކާލުމަށް ބޭއްވި މައުރަޒެކެވެ.
ރާއްޖޭގެ މަޝްހޫރު ފަންނުވެރިން އިންސާފުކޮށްދެއްވި އެ މައުރަޒުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވީ އަހުމަދު ސުވޭބް، އިސްމާއިލް އާސިފް އަދި އަބްދުއްﷲ ނަޝާތު ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.
ޖުމްލަ 12 ސްކޫލަކުން ބައިވެރިވި އެ މައުރަޒު ކުރިއަށް ގެންގޮސްފައި ވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެން ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.
އެގޮތުން ކަޓަގަރީ "އޭ"ގައި ވަކިވަކި ފަރުދުންްނާއި، ސްކޫލް އަދި ކުންފުނިތައް ހިމެނުނުއިރު ކެޓަގަރީ "ބީ" ހާއްސަކޮށްފައި ވަނީ ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށެެވެ.
ހާއްސަ އެހީ އަށް ބޭނުންވާ ކުދިން ހަތްބަޔަކަށް ބަހައިލައިފައިވާއިރު އޭގެ ތެރޭގައި ފެނުމާއި، އިވުމުގެ ނުކުޅެދިންތެރިކަން، ދަސްކުރަން ނުކުޅެދުންތެރިކަން، ޑައުން ސިންޑްރޯމް، އޯޓިޒަމް އަދި ޖިސްމާނީ ނުކުޅެދުންތެރިކަން ހިމެނައިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުންނެވެ.