23 Aug 2017, 23:51
ރައްޔިތުންގެ މަޖިލިސް ކުރާ ގޭގެ ތެރޭގައި ސަރުކާރު ކޯލިޝަންގެ މެންބަރުންނާއި އިދިކޮޅު ފަރާތްތަކާ މެމްބަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި "ލަދު ބަހެއް" ބުނެވިފައިވާތީ ކަމަށް ވިދާޅުވެ، ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ރައްޔިތުންގެ ކިނބައިން މައާފަށް އެދިވަޑައިގެންފި އެވެ.
އަލީ އާރިފު ލަދުވެތި ބަހެއް ބޭނުން ކުރީ މަޖިލީހުގައި މިއަދު ޖަލްސާ ފެށުމުގެ ކުރިން، މެމްބަރުންގެ މެދުގައި ރައްދު ކުރި ބަހުގެ ހޫނު ހަމަލާތަކުގެ ތެރޭގަ އެވެ.
ރައްޔިތުންގެ އަރިހުން އަޅުގަނޑަށް މިއަދު އެ ޖަޒުބާތުގައި ހިނގާދިޔަ ކަންކަމުގެ ތެރޭގައި ކަންކަން ދިޔަ ގޮތުން ލަދުބަހެއް ބުނެވުނީތީ ނިހާޔަތަށް މާއާފައެއް އެދެން،އަލީ އާރިފު
ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލަށް އަމާޒު ކުރައްވައި އަލީ އާރިފު އަވަގުރާނަ ގޮވާ ވީޑިއޯއެއްސޯޝަލް މީޑިއާގައި މިއަދު ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯ އާންމު ކުރެއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު ރޮޒައިނާ އާދަމެވެ.
ޕީޕީއެމްގެ "ރުމާލު 2" ޖަގަހާގައި މިރޭ ކުރިއަށް ގެންދިޔަ ޖަލަސާގައި ވާހަކަފުޅު ދައްކަވަމުން އަލީ އާރިފް ވިދާޅުވީ މިއަދުގެ ޖަލްސާގައި ޕީޕީއެމް މެންބަރުން ނުކުތީ އިދިކޮޅު މެންބަރުންގެ އަމަލުތައް ހައްދުން ނެއްޓުމުން އެކަން ހަމައަކަށް އެޅުވުމަށް ކަމަށެވެ. އަދި އެކަމުގެ ތެރޭގައި ބައެއް ކަންކަން ހިނގައިދިޔަ ކަމަށެވެ.
"ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންގެ އަރިހުން އަޅުގަނޑަށް މިއަދު އެ ޖަޒުބާތުގައި ހިނގައި ދިޔަ ކަންކަމުގެ ތެރޭގައި ކަންކަން ދިޔަ ގޮތުން އަޅުގަނޑަށް ލަދުބަހެއް ބުނެވުނީތީ ނިހާޔަތަށް މާއާފައެއް އެދެން ތިޔަބޭފުޅުންގެ އަރިހުން،" އޭނާ ވިދާޅުވި އެވެ.
އަލީ އާރިފް ވިދާޅުވީ މިއަދުގެ މަޖިލީހުގައި ޖަޒުބާތުގައި ޖެހެވުނީ ތަކުރާރުކޮށް އިދިކޮޅު ފަރާތްތަކުން މަޖިލީހުގައި ހިނގަމުން ދިޔަ ކަންކަން ހުއްޓާލުމަށް އިދިކޮޅު ފަރާތްތަކާއި އެ ފަރާތްތަކުގެ ލީޑާޝިޕަށް ނަސޭހަތްތެރިވެގެން ވެސް ހުއްޓާނުލުމުން ކަމަށެވެ.
"އަޅުގަނޑާ މަޖިލީހުގެ ނައިބު ރައީސާ އަޅުގަނޑުމެންގެ ލީޑާޝިޕުން އެމްޑީޕީގެ ޕީޖީ ލީޑަރަށް ދެންނެވިން މިކަން ހުއްޓާށޭ. ތިޔަ ބޭފުޅުން ޖަހާ ސަކަރާތް ޖަހާށޭ މަޖިލީހުގެ ޗެމްބަރުގެ ތެރޭގައި އެއީ ސިޔާސީ ސަކަރާތް ޖަހާ ތަނޭ. އަޅުގަނޑުމެން ސިޔާސީ ކަންކަން ކުރާނީ އެތާންގައޭ،" އޭނާ ވިދާޅުވި އެވެ.
ތަކުރާރުކޮށް އިދިކޮޅު ޕާޓީތަކުގެ މެންބަރުންނަށް ނަސޭހަތްތެރިވި ނަމަވެސް އެކަން ނުހުއްޓުމުގެ ނަތީޖާއަކަށް ވީ ޕީޕީއެމްގެ މެންބަރުން މަސީހުގެ ދިފާއިގައި ނުކުންނަން ޖެހުން ކަމަށާއި މިއަދު މަޖިލީހުގައި ފެނިގެން ދިޔައީ އެކަން ކަމަށް ވެސް އަލީ އާރިފް ވިދާޅުވި އެވެ.