23 Aug 2017, 21:15
އުރީދޫ ޕްރިމިއާލީގުގެ ދެވަނަ ބުރަށް ދިއުމުގެ ކުރިން ޓީސީ ފަދަ ޓީމެއް އަތުން ޕޮއިންޓެއްވެސް ލިބުމަކީ އަނބުރާ އަންނަ އިރު ޓީމަށް ލިބޭ ހިތްވަރެއް ކަމަށް މިލަންދޫ ޓީމުގެ ކޯޗް މުހައްމަދު ނާސިރު ބުނެފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ޓީސީ އާއި މިލަންދޫ ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ނާސިރު ބުނީ އޭނާގެ ޓީމުން މެޗަށް ނުކުތީ ތިން ޕޮއިންޓް ހޯދަން އަޒުމް ކަނޑައަޅައިގެން ކަމަށާއި ނަމަވެސް ޕޮއިންޓެއް ލިބުމަކީވެސް ހިތްހަމަ ޖެހުމެއް ކަމަށެވެ.
ނާސިރު ބުނީ މުބާރަތުގެ ފުރަތަމަ ބުރު ނިމެން ކައިރިވެފައިވަނިކޮށް ޓީސީފަދަ ޓީމެއް އަތުން ބަލި ނުވެ ސަލާމަތްވުމަކީ ކުރިއަށް ހުރި މެޗުތަކުން ރަނގަޅު ނަތީޖާއެއް ހޯދަން ލިބޭނެ ހިތްވަރެއް ކަމަށާއި ކުޅުންތެރިން މެޗުގައި ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ.
"އަސްލު ވަރަށް ހިތްހަމަޖެހޭ ކުޅުންތެރިންގެ ކުޅުމާއި މެދު. މައްސަލައަކަށް ދިމާވީ ނިންމާ ނުލެވުން،" ނަސީރު ބުންޏެވެ.
މެޗަށް ފަހު ޓީސީގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މިލަންދޫއަކީ ވަރަށް ބޮޑަށް ޑިފެންސިވް ކޮށް ކުޅޭ ޓީމެއް ކަމަށާއި އެޓީމާއި ދެކޮޅަށް ނަތީޖާ ނެރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. އަދި ޓީމުގައި ތަޖުރިބާކާރު ކުޅުންތެރިން ނެތުމަކީ ވެސް މެޗު އެއްވަރުވާން ދިމާވި ކަމެއް ކަމަށެވެ.
މިލަންދޫ އަތުން އެއްވަރުވި ނަމަވެސް، ޓީސީ ވަނީ ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފަ އެވެ. ކުޅުނު ހަތް މެޗުން ޓީސީއަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، އެއްވަނާގައި އޮތް މާޒިޔާއަށް ތިން މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ޓީސީގެ ފަހަތުން ވިއްދާފައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަދި ގްރީނަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ.
ލީގުގައި މިލަންދޫ ކުޅުނު ހަތަރު މެޗުގައި ވެސް އެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. ކްލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗުގައި 2-1 ލަނޑުގެ ހަނި ތަފާތަކުން މިލަންދޫ ބަލިވިއިރު، އއ. މާޅޮސްއާ ދެކޮޅަށް ކުޅުނު މެޗުން މިލަންދޫ ވަނީ 2-2 ލަނޑުން އެއްވަރުވެފައެވެ. ވަރުގަދަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ކުޅުނު މެޗުން މިލަންދޫ ބަލިވީ 1-0 ލަނޑުގެ ހަނި ތަފާތަކުންނެވެ. މިލަންދޫ ބަލިވި ދެ މެޗުގައި ވެސް ގްރީން އަދި މާޒިޔާއަށް ތިން ޕޮއިންޓް ކަށަވަރު ކުރެވުނީ މެޗު ނިމެން ދަނިކޮށެވެ.