23 Aug 2017, 19:02
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ށ. މިލަންދޫން ޓީސީ ސްޕޯޓްސް ކްލަބު ހިފަހައްޓައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ޓީސީއާއި މިލަންދޫ ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީއާއި މިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މިލަންދޫ އަތުން އެއްވަރުވި ނަމަވެސް، ޓީސީ ވަނީ ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފައެވެ. ކުޅުނު ހަތް މެޗުން ޓީސީއަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، އެއްވަނާގައި އޮތް މާޒިޔާއަށް ތިން މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ޓީސީގެ ފަހަތުން ވިއްދާފައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަދި ގްރީނަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ.
މިއަދު ކުޅުނު އެ މެޗުގެ ފުރަތަމަ ހާފުގައި ވެސް މިލަންދޫގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން މެޗުގެ 33 ވަނަ މިނެޓުގައި މިލަންދޫން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސް ކޮށްފަ އެވެ. ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން މިލަންދޫގެ އާދަމް އިމްރާން ފޮނުވާލި އެ ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީއާއި މިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އޭގެ މިނެޓެއް ފަހުން ޓީސީއަށް ވެސް ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. މިލަންދޫގެ ޕެނަލްޓީ އޭރިޔާ ތެރެއިން ސްޓެވާޓް ކޯނެލިއަސް ފޮނުވާލި ހަމަލާ، ކީޕަރު މުހައްމަދު އިމްރާން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި ޓީސީ އަދި މިލަންދޫ ވެސް ލަނޑެއް ޖެހުމަށް ގިނަ މަސައްކަތެއް ކޮށްފައިވެއެވެ. ދެވަނަ ހާފުގައި ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވަނީ ޓީސީއަށެވެ. އެގޮތުން ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ޓީސީގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ)އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. މިލަންދޫގެ ޕެނަލްޓީ އޭރިޔާ ބޭރުން އޭނާ ފޮނުވާލި ހަމަލާ، ކީޕަރު އިމްރާން ވަނީ ހޯދައިފައެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީއާއި މިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ލީގުގައި މިލަންދޫ ކުޅުނު ހަތަރު މެޗުގައި ވެސް އެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. ކްލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗުގައި 2-1 ލަނޑުގެ ހަނި ތަފާތަކުން މިލަންދޫ ބަލިވިއިރު، އއ. މާޅޮސްއާ ދެކޮޅަށް ކުޅުނު މެޗުން މިލަންދޫ ވަނީ 2-2 ލަނޑުން އެއްވަރުވެފައެވެ. ވަރުގަދަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ކުޅުނު މެޗުން މިލަންދޫ ބަލިވީ 1-0 ލަނޑުގެ ހަނި ތަފާތަކުންނެވެ. މިލަންދޫ ބަލިވި ދެ މެޗުގައި ވެސް ގްރީން އަދި މާޒިޔާއަށް ތިން ޕޮއިންޓް ކަށަވަރު ކުރެވުނީ މެޗު ނިމެން ދަނިކޮށެވެ.
ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 9:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ މާޒިޔާއާއި ގދ. ތިނަދޫއެވެ.