އެވަޓަން ފޯވަޑް ވޭން ރޫނީ، އިނގިރޭސި ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

އިނގިރޭސި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދީފައިވާ ރޫނީ، ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އޭނާ ނެރުނު ބަޔާނަކުން ވަނީ އިއުލާކޮށްފަ އެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށް ރޫނީ ނެރުނު ބަޔާނުގައި ބުނީ، ކުރިއަށް އޮތް އިނގިރޭސި ގައުމީ ޓީމު ކުޅޭ މެޗުތަކަށް ބޭނުންވާކަން ކޯޗު ގެރެތު ސައުތުގޭޓް އެދުމުން ވަރަށް އުފާކުރާ ކަމަށާއި ގައުމީ ކޯޗަށް އޭނާ ނިންމި ގޮތް މިހާރު އަންގާފައިވާނެ ކަމަށެވެ.

"އެއީ އަހަރެން ނިންމަން ވަރަށް އުނދަގޫވި ނިންމުމެއް. އެއީ އަހަރެންގެ އާއިލާ އާއި އެވަޓަންގެ ކޯޗު އަދި އަހަރެންގެ ގާތް މީހުންނާ މަޝްވަރާ ކުރުމަށްފަހު ނިންމަން ޖެހުނު ނިންމުމެއް. އިނގިރޭސި ޓީމަށް ކުޅުމަކީ އަހަރެންނަށް ވަރަށް ހާއްސަ ކަމެއް. ކުޅުންތެރިއެއް ނުވަތަ ކެޕްޓަން ގޮތުގައި ޓީމަށް ނަގާ ކޮންމެ ފަހަރަކު އަހަރެން ވަރަށް ފަހުރުވެރިވޭ. އަދި އަހަރެންނަށް އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތަކަށް ޝުކުރު އަދާކުރަން،" އޭނާ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ރޫނީ ވަނީ އިނގިރޭސި ގައުމީ ޓީމަށް ކުޅުނު 119 މެޗުން 53 ލަނޑު ކާމިޔާބުކޮށްފައެވެ. ރޫނީއަކީ އިނގިރޭސި ގައުމީ ޓީމު އަދި އޭނާގެ ކުރީގެ ކްލަބު މެންޗެސްޓާ ޔުނައިޓެޑަށް ވެސް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއެވެ. މި ސީޒަނުގައި ޔުނައިޓެޑް ދޫކޮށް، އޭނާ ވަނީ އަލުން އެނބުރި އެވަޓަންއާ ގުޅިފައެވެ.

ވޭން ރޫނީ: އޭނާއަކީ އިނގިރޭސި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާ ---

އެންމެ ފުރަތަމަ އިނގިރޭސި ގައުމީ ޓީމުން ރޫނީ ފެނިގެންދިޔައީ 2003 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައެވެ. އޭރު އޭނާގެ އުމުރަކީ 17 އަހަރާއި 111 ދުވަހެވެ. އެ މެޗަށްފަހު ރޫނީ ވެގެންދިޔައީ އިނގިރޭސި ޓީމަށް މެޗެއް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

އެ މެޗުގައި ފެނުމަށްފަހު ޔޫރޯ 2004ގެ ކޮލިފައިންގައި މެސަޑޯނިއާ ކޮޅަށް ލަނޑެއް ޖަހައި، އިނގިރޭސި ޓީމަށް ލަނޑެއް ކާމިޔާބުކޮށްދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު އޭނާ ހޯދިއެވެ. އޭރު އޭނާގެ އުމުރަކީ 17 އަހަރާއި 317 ދުވަހެވެ. އެއަށްފަހު ޔޫރޯ 2004ގައި ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ރޫނީ ވަނީ އެ މުބާރާތުގައި ލަނޑުޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑު ވެސް ގާއިމްކޮށްފައެވެ. އެ މެޗުގައި އޭނާގެ ފަރާތުން ދެ ލަނޑު ފެނިގެންދިޔައެވެ.

ޔޫރޯ 2004ގެ އިތުރުން ވޯލްޑްކަޕް 2006، ވޯލްޑްކަޕް 2010، ޔޫރޯ 2012، ވޯލްޑްކަޕް 2014 އަދި ޔޫރޯ 2016ގައި ވެސް ރޫނީ ވަނީ އިނގިރޭސި ޓީމުން ފެނިގެން ގޮސްފައެވެ. އޭގެ ތެރެއިން ޔޫރޯ 2016ގައި އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަންކަމުގެ ދައުރު އަދާކުރަމުން ދިޔައީ ރޫނީއެވެ.