އައިއެސް ޖަމާއަތުގެ ބާރު ވަރަށް ބޮޑަށް ގަދަ ކޮށްފައިވާ ސީރިއާގެ ރައްގާ އަށް 48 ގަޑިއިރުވަންދެން ދިން ހަމަލާތަކުގައި އާންމުންގެ 100 މީހުން މަރުވެއްޖެއެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ މީހުން އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނީ އާދިއްތަ ދުވަހުން ފެށިގެން ދިން ހަމަލާތަކުގައި ޖުމްލަ 100 މީހުން މަރުވެފައިވާ ކަމަށާއި އަދި އޭގެ ތެރޭގައި ރައްގާގެ އިރުމަތީ ސަރަހައްދުތައް ކަމަށްވާ ބިދޫ އަދި އަލްސުކާނީއިން މަރުވި 55 މީހުން ވެސް ހިމެނޭ ކަމަށެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ އެއް ކަމަށްވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިޔުމަން ރައިޓްސްގެ ޑައިރެކްޓަރު ރަމީ އަބްދުއް ރަހްމާން ބުނި ގޮތުގައި ވައިގެ މަގުން ދޭ ހަމަލާތަކުގައި އާންމުންގެ ގިނަ މީހުން މަރުވަމުންދަނީ ރައްގާގެ މީހުން ދިރިއުޅޭ އެންމެ ބާރުބޮޑު ސަރަހައްދަށް ބޮން އަޅަމުންދާތީ އެވެ.

"އެ ހިސާބުތަކުގެ އިމާރަތްތަކުގައި މީހުން އެ އޮތީ ތޮއްޖެހިފައި. އެ ހުރިހާ އެންމެެންވެސް އެ މަސައްކަތް ކުރަމުންދަނީ އެހިސާބުން ރައްކާތެރި ހިސާބުތަކަށް ދެވޭތޯ. އެ ހިސާބުގައި އައިއެސްއިން ހަރަކާތްތެރިވާކަށް ކިރިޔާ ޝައްކު ކުރެވޭ ކޮންމެ އިމާރަތާކަށް އެދަނީ ބޮން އަޅަމުން،"

"ރައްގާގައި އެމެރިކާއިން އަދި އައިއެސްއިން ދޭ ހަމަލާތަކުން ސަލާމަތް ވާ ކިތަންމެ ބަޔަކު އެބަ މަރުވޭ ކާނެ އެއްޗެއް ނުލިބިގެން ވެސް. އެތާނގައި ބޯފެނެއް، ކަަރަންޓެއް އަދި ކާ އެއްޗެެއް ނެތް،" ރަމީ ބުންޏެވެ.

އދ. އިން އަންދާޒާ ކުރާގޮތުގައި ރާއްގާގައި 25،000 މީހުން ވަނީ ކާނެ އެއްޗެއް ނެތި އެ ސަރަހއްދުގައި ތާށިވެފައެވެ.