25 Jul 2011, 09:06
މިދިޔަ ހުކުރު ދުވަހު ނޯވޭއަށް ދިން ޓެރަރިސްޓް ހަމަލާގައި 92 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވުމުގެ ހިތާމައިގައި އެގައުމު ވަނީ ކުޑަކަކޫމައްޗަށް ތިރިވެފައެވެ. ނަމަވެސް ނޯވޭގެ ވެރިރަށް އޮސްލޯގެ ގަވަމެންޓް ޑިސްޓްރިކްޓަށް ދިން ބޮމުގެ ހަމަލާއާއި އޮސްލޯގެ ކައިރީގައިވާ އުޓޯޔާގައި ހުރި ޒުވާނުންގެ ކޭމްޕަށް ދިން ބަޑީގެ ހަމަލާގެ ތުހުމަތު މިފަހަރު ކުރާނީ ކޮން ބަޔަކަށްތޯ މީ އުފެދޭ ސުވާލެކެވެ.
ހާދިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކަންތައްތައް ދިރާސާކުރާ މީހުންނާއި ފިލޯސޮފަރުންގެ ތުހުމަތުގެ އިނގިލިތައް ދިއްވެފައި ހުރީ އަލްޤައިދާ ނުވަތަ އެނޫންވެސް އެފަދަ މުސްލިމް ޖަމާއަތްތަކާ ދިމާއަށެވެ. " ހެލްޕަރސް " ނަމަކަށް ކިޔާ ޖަމާއަތަކުން އެހަމަލާގެ ޒިންމާ ނަގާފައިވާކަމަށް ނުވަތަ ކޮންމެ ބަޔަކު ކުރި ކަމެއް ނަމަވެސް އެކަމަށް ތާއީދުކުރާ ކަމަށް ހަބަރުތަކެއް އިސާހިތަކު ފެތުރުނީ އެހެންވެއެވެ. ނަމަވެސް އެގްރޫޕުން ވަނީ އެކަން ދޮގުކޮށްފައެވެ.
ކަންމިހެން ހުރިއިރު ނޯވޭގެ ފުލުހުން ވަނީ އެހަމަލާއާއި ގުޅުން ހުރި މީހަކު ދާދިއަވަހަށް ހައްޔަރުކޮށް އެހަމަލާއަކީ ބޭރުގެ އެއްވެސް ބަޔަކާ ގުޅުން ހުރި ކަމެއް ނޫންކަމަށް ބުނެފައެވެ. އެމައްސަލައިގާ އެމީހުން ހައްޔަރުކޮށްފައި ވަނީ އަންޑާސް ބެހްރިން ބްރެއިކް ނަމަކަށް ކިޔާ އުމުރުން 32 އަހަރުގެ ނޯވޭގެ ރައްޔިތެކެވެ. ބެލެވޭ ގޮތުގައި އޭނާއަކީ ޒުވާނުންގެ ކޭމްޕަށް ބަޑިން ހަމަލާދިން މީހާއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މިދިޔަ މޭމަހު ބްރެއިކް ވަނީ ދަނޑުތަކަށް ބޭނުންވާ ތަކެތި ވިއްކާ ކުންފުންޏަކުން ހަޓަނުގެ ގަހުކާނާ ( ފާޓިލައިޒާ) ގަނެފަ އެވެ. އެއީ އޭނާ ފަދަ މުސްލިމްނޫން މީހެއް ކަމަށްވާ އެމެރިކާގެ ޓިމޮތީ މެކްވެއި ދިން ޓެރަރިސްޓް ހަމަލާގައި ވެސް ބޭނުންކުރި އެކައްޗެވެ.
ނޯވޭއަށް ދިން ހަމަލާ މުސްލިމުންނާ ގުޅުވޭނެ އެއްވެސް ހެއްކެއް ލިބިފައި ނުވާއިރު އަދި ފަހުން މިބުނި ގޮތަށް ކަންތައް ވެފައިވާކަމުގެ ގިނަ ހެކިތައް ހުރި އިރުވެސް އެހަމަލާ މުޖާހިދުންނާ ގުޅުވުމަށް މަސައްކަތްކުރާ މީހުން ހުއްޓާނުލާ އަދިވެސް މަސައްކަތުގައި އެބަ އުޅެއެވެ.
ޓެރަރިސްޓް ހަމަލާގެ ހިތާމަ ނޯވޭގެ މުސްލިމް މުޖުތަމައަށް ތަފާތު ދެގޮތަކަށް ކުރިމަތިވިއެވެ. އެއް ހިތާމައަކީ އެމީހުންގެ މުޖުތަމައުގެ އަމާންކަން ނެތުމުގެ ހިތާމައެވެ. އަނެއް ހިތާމައަކީ ނޯވޭގެ ފަހުގެ ތާރީހުގެ އެންމެ ކަޅުދުވަހުގެ ތުހުމަތު އޮޓަމެޓިކުން އެމީހުންގެ ބޮލުގައި އެޅުމެވެ.
އެހެންކަމުން ޓެރަރިސްޓް ހަމަލާއަށް ޖަވާބު ދިނުމަށް ނޯވޭގެ މުސްލިމް މުޖުތަމައުން އަވަސްވެގަތެވެ. އެގޮތުން އެގައުމުގެ އިސްލާމީ ޖަމާއަތެއްކަމަށްވާ އިސްލާމިކް ކައުންސިލުން އެހަމަލާ ކުށްވެރިކޮށް ވަގުތުން ބަޔާނެއް ނެރުނެވެ. އެބަޔާނުގައި ބުނެފައި ވަނީ ނޯވޭއަށް ދިން ޓެރަރިސްޓް ހަމަލާއަކީ އެޖަމާއަތުގެ މެމްބަރުންގެ މާދަރީ ވަޒަނަށްދިން ހަމަލާއެއްކަމަށެވެ.
ނޯވޭގެ މުސްލިމުންގެ ހާލު މިހެން ހުރިއިރު އެގައުމުގެ ކަނާތުފިޔައިގެ ޖަމާއަތްތަކުން ދަނީ އެހަމަލާގެ ތުހުމަތު ކެނޑިނޭޅި މުސްލިމުންގެ ބޮލުގައި އަޅުވަމުންނެވެ. އެގޮތުން ޖަރުމަނުގެ ނާޒީން ގެންގުޅުނު ފަދަ ނަސްލީ ތަފާތުކުރުމުގެ ވިސްނުމެއް ގެންގުޅޭ ، ނޯވޭއަށް މީހުން ހިޖުރަކުރުމާ ދެކޮޅުހަދާ ޖަމާއަތަކުން ވަނީ އެމީހުންގެ ފޯރަމްތަކުގައި މުސްލިމުންގެ ބޮލުގައި ހަމަލާގެ ތުހުމަތު އަޅުވައި ، މުސްލިމުންނަށް މަލާމާތާއި ފުރައްސާކުރުން އާއްމު ކަމަކަށް ހަދާފައެވެ.
މިހާ ހިސާބުން އުފެދޭ ސުވާލަކީ " ޓެރަރިސްޓް ކޮންމެ ހަމަލާއެއްގެ ޒިންމާ ފުލަން ޖެހެނީ މުސްލިމުންތޯ؟" މިސުވާލެވެ.
މިސުވާލުގެ ޖަވާބަކަށް 1995 ވަނަ އަހަރުގެ އޭޕްރިލްމަހުގެ 19 ވަނަ ދުވަހު އެމެރިކާގެ އޮކޮލަހޯމާ ސިޓީގެ އަލްފްރެޑް.ޕީ މުރާ ބިލްޑިންގ އަށް ދިން ޓެރަރިސްޓް ހަމަލާ ފުދެއެވެ. ޓްރަކެއް ގޮއްވާލައިގެން ދިން އެހަމަލާގައި 168 މީހުން މަރުވެ، 680 މީހުން ޒަޚަމްވި އިރު އެހަމަލާ ދިނީ މުސްލިމް އާއިލާއަކަށް، މުސްލިމް ގައުމަކަށް ވެސް ނިސްބަތްނުވާ ޓިމޮތީ މެކް ވެއި ނަމަކަށް ކިޔާ އެމެރިކާ މީހެކެވެ. އެހަމަލާއަކީ 2001 ވަނަ އަހަރު އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާގެ ކުރިން އެގައުމަށް ދިން އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެވެ.