އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީ ފުޅާކުރުމަށް ނުވަތަ ފެށުމަށް މާލީ އެހީ ތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ "އެސްއެމްއީ ލޯން" ސްކީމަށް އެދި ހުށަހެޅުމަށް އަންނަ މަހުގެ ތެރޭގައި ފުރުސަތު ހުޅުވާލުމަށް ނިންމައިފިއެވެ.

އައިޖީއެމްއެޗް ކޮންފަރެންސިން ހޯލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓްރީގެ ނައިބް އާދަމް ތައުފީގު ވިދާޅުވީ އެސްއެމްއީ ލޯނު ސްކީމުގެ ދަށުން އެންމެ ދޫކުރަން ހަމަޖައްސާފައިވަނީ 38 މިލިއަން ރުފިޔާ ކަމަށެވެ. އަދި ލޯނަށް އެދޭ ފޯމު އަންނަ މަހުގެ 17 އިން ފެށިގެން ދޫކުރަން ފަށާއިރު، ފޯމު ހުށަހެޅުމަށް އަންނަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި އެސްކީމްގެ ދަށުން ފައިނޭންސް ކުރެވޭ އެންމެ މަތީ އަދަދަކީ ވަކިފަރުދަކު ކުރާ ވިޔަފާރިއަކަށް ނަމަ ފަސް ލައްކަ ރުފިޔާ، ފާޓްނަރޝިޕް، ކުންފުނި ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ 1.5 މިލިއަން ރުފިޔާއެވެ.

އެގޮތުން އެ ސްކީމުގެ ދަށުން އަށް ދާއިރާއަކުން ލޯނު ދޫކުރަން ވަނީ ހަމަޖައްސާފައެވެ.

އެ ދާއިރާތަކަކީ:

  • ފަތުރުވެރިކަމުގެ ދާއިރާ(ޕޮޓޯ ގްރަފީ، އާޓްސް، ލޮޖިސްޓިކްސް، ޑައިވިންގ، ޕާފޯމިންގް އާޓްސް، ޑައިވިން ސެންޓަރ ނުވަތަ ސްކޫލް، ވޯޓަރ ސްޕޯޓްސް، ގެސްޓް ހައުސް، އަތްތެރި މަސައްކަތް)

  • ދަތުރުފަތުރު ކުރުމުގެ ދާއިރާ( ޓެކްސީ އަދި އެއްގަމުގައި ދުއްވާ އުޅަނދު ގަތުމަށް، ކަނޑުގައި ދުއްވާ އުޅަދު ފަހަރު ގަތުމަށް ނުވަތަ މަރާމާތު/ އަޕްގްރޭޑް ކުރުމަށް)
  • އިމާރާތް ކުރުމުގެ ދާއިރާ( ބޭނުންވާ މެޓީރިއަލް އަދި އިކުއިޕްމަންޓް ގަތުމަށް، ސަބް ކޮންޓްރެކްޓަރުންގެ ގޮތުގައި ތަފާތު ހިދްމަތްތަށް ފޯރުކޮށްދޭ ތަފާތު ވިޔަފާރިތަށް ހިމެނޭނެއެވެ. ކަރަންޓް، އެއަރ ކޮންޑިޝަނިންގް، ފެންވަޔަރު، ނެޓްވާކިންގް، ގައު ނުވަތަ ދޮރުފަދަ މެޓީރިއަލް އުފައްދާ ފަރާތްތައް)
  • ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާ(އުފައްދާ ތަކެތި ޕްރޮސެސްކުރުމަށާއި، ވެލިއު އިތުރުކުރުމަށް މެޓީރިއަލް/ މެޝިނަރީޒް/ އިކުއިޕްމަންޓް ގައި އިންވެސްޓްކުރުމަށް)
  • ކޯޕަރޭޓިވް ސޮސައިޓީގެ ދާއިރާ(ވިޔަފާރި ފެށުމަށާއި ކުރަމުންދާ ވިޔަފާރިއެއް ތަރައްޤީކޮށް ފުޅާކުރުމަށް)
  • ޚިދުމަތް ފޯރުކޮށްދިނުމުގެ ދާއިރާ(ހިދްމަތްތަށް ފޯރުކޮށްދޭ ތަފާތު ވިޔަފާރީގެ ގޮތުގައި މި ބައިގައި ބަލާނީ: ފައިނޭންޝަލް، ޕްރޮފެޝަނަލް ސާވިސަސް، ޑިޒައިން ނުވަތަ ކްރިއޭޓިވް ސާވިސަސް، އިވެންޓް މެނޭޖްމަންޓް، ކްލިނިކް، ތަޢުލީމާ ތަމްރީން ދިނުނުމުގެ މަސައްކަތް ކުރާ ވިޔަފާރިތަކެވެ.)
  • ވޭސްޓް މެނޭޖްމަންޓް ދާއިރާ(ކުނި މެނޭޖްކުރުން، އުކާލުން، ނައްތާލުމާއި ރީސައިކަލްކޮށް އަލުން ތަކެތި އުފައްދާ ވިޔަފާރިތަކަށް)
  • އޯޕަން ކެޓަގަރީ(މަތީގައި ފާހަގަ ކޮށްފާވައި ބައިތަކުން ބައެއްގައި ނުހިމެނޭ ވިޔަފާރިތަށް ނަމަ ލޯނަށް ހުށަހަޅާނީ މިދާއިރާއަށެވެ)

ލޯނު އަދާކުރުމުގެ މުއްދަތު ކަނޑައަޅާނީ ހުށަހަޅާ ވިޔަފާރީގެ މާލީ ހިސާބުތަކަށް ރިއާޔަތް ކުރުމަށްފަހު، ނުވަ އަހަރަށް ވުރެ މުއްދަތު އިތުރުނުވާ ގޮތަށެވެ. އަދި މުއްދަތުގައި ގިނަވެގެން އެއް އަހަރު ދުވަހުގެ ގްރޭސްގެ މުއްދަތެއް ހިމެނިދާނެއެވެ.

ގްރޭސްގެ މުއްދަތުގައި އަލަށް ފަށާ ވިޔަފާރި ފިޔަވައި ލޯންގެ އިންޓްރަސްޓްއަށް ވާ މިންވަރު ދައްކަންޖެހޭނެއެވެ. އެހެން ނަމަވެސް އަލަށް ފަށާ ވިޔަފާރިއެއްނަމަ ގްރޭސްގެ މުއްދަތުގައި އިންޓްރަސްޓްއަށް ވާ މިންވަރު ދެއްކުމަށް ނުވަތަ އިންޓްރަސްޓްއަށް ވާ މިންވަރު އެކުރޫކުރުމަށް ފަހު ފަހުން ދެއްކުމަށް ހިޔާރުކުރެވިދާނެއެވެ.