23 Aug 2017, 17:51
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރަށް އުފުލި 10 ވަނަ ދައުވާއަށް ވަކީލަކު އައްޔަން ކުރުމަށް 10 ދުވަހުގެ ފުރުސަތެއް ދީފި އެވެ.
އަދީބުގެ މައްޗަށް އެންމެ ފަހުން އުފުލި، ދެ ދައުވާއާއެކު އޭނާގެ މައްޗަށް އުފުލި ދައުވާގެ އަދަދު 10 އަށް އަރާފައިވާއިރު، މިއަދު ޝަރީއަތށް ފަށާފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދެ ދައުވާގެ ޝަރީއަތެވެ.
މިއަދު މެންދުރުފަހު 3:00 ގައި ކްރިމިނަލް ކޯޓުގައި ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި އަދީބު ވަނީ އެ ދައުވާ ކުރިއަށް ގެންދަން ބޭނުން ވަނީ ވަކީލަކާ އެކުގައި ކަމަށް ވިދާޅުވެފަ އެވެ.
އެހެން ކަމުން މިއަދުގެ އަޑުއެހުމުގައި ދައުވާ އިއްވާފައެއް ނުވެ އެވެ.
އެ ދެ ދައުވާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް ފޮނުވާފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުގަ އެވެ.
މިދިޔަ ހަފްތާ ތެރޭގައި ވެސް އަދީބުގެ މައްޗަށް އުފުލާފައިވާ އެވެ. އެ ދައުވާތަކަކީ ވެސް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދީފައި ވާތީ ކަމަށް ބުނެ ކޮށްފައިވާ ދައުވާތަކެކެވެ. އެ ދައުވާތައް އުފުލައި ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގަ އެވެ.
އެ ދުވަހުގެ އަޑުއެހުމެކޭ އެއްގޮތަށް މިއަދުގެ އަޑުއެހުމުގައި ވެސް އަދީބު ވަނީ އެ މައްސަލަ ބައްލަވާ ގާޒީ ކަމުގައިވާ ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި، އާދަމް އާރިފް އެ މައްސަލައިން ތަނާޒުލް ވުމަށް އެދިލައްވާފަ އެވެ. ސަބަބެއްގެ ގޮތުގައި ދެއްކެވީ، ގާޒީ އާދަމް އާރިފް މީގެ ކުރިން ޕީޖީގައި މަސައްކަތްކޮށްފައިވާތީ، އެ މައްސަލަތަކުގައި ބައިވެރިވެފައި ހުރެދާނެ ކަމަށާއި، އެހެންކަމުން ކޮންފްލިކް އޮފް އިންޓެރެސްޓް އެކަމުގައި އަންނާނެ ކަމަށެވެ.
އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ، އޭނާ ޕީޖީގައި މަސައްކަތް ކުރި އިރު، އެ މައްސަލަތައް ޕީޖީގައި ނެތް ކަމަށެވެ.
ދައުލަތުން ވިދާޅުވީ، އެ މައްސަލަތައް ތަހުގީގުކޮށްފައި ވަނީ އޭސީސީން ކަމަށާއި، އެ ތަހުގީގުތަކުގައި ގާޒީ އާރިފްގެ ބައިވެރިވުންވޭތޯ ބެލުމަށް ލިޔުމުން އޭސީސީއަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އަދި އޭސީސީން ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.
އިތުރު ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ އަދީބުގެ މައްޗަށް އުފުލާފައިވާ 10 ދައުވާއަކީ ވެސް އެއް ބާވަތެއްގެ ދައުވާތަކެއް ކަމަށެވެ. އަދި އެއް ބާވަތެއްގެ އެހާ ގިނަ މައްސަލަތަކެއް އެއް ގާޒީއެއް ބައްލަވަނީ ކީއްވެތޯ އަދީބު ވަނީ ސުވާލު އުފައްދާފަ އެވެ.
އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ، މައްސަލައެއް ހުށަހެޅިއްޖެ ނަމަ އެ މައްސަލައެއް އެއް ގާޒީ އަކު ބެލުމަކީ އެ ކޯޓުގައި އަމަލު ކުރަމުންދާ އުސޫލު ކަމަށެވެ. އަދި އެއް ގާޒީ އެއް އެ މައްސަލަ ބަލަމުން ދަނީ އެ އުސޫލުގެ ދަށުން ކަމަށް ވިދާޅުވި އެވެ.
އަދީބު މިހާރު ވެސް ގެންދަވަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އޭނާގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމް އައީ ތިން ދައުވާއެއް ސާބިތުވާ ކަމަށް ހުކުމް ކުރުމުންނެވެ.
އޭނާގެ މައްޗަށް ސާބިތުވެފައިވާ ދައުވާތަކީ ދެ ފިސްތޯލަ އާއި ގޮވާ ތަކެތި ގެންގުޅުނު ކަން ސާބިތުވެ ކޮށްފައިވާ 10 އަހަރުގެ ހުކުމާއި، ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ކަން ސާބިތުވެ، 15 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމުގެ އިތުރުން ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވެފައިވާތީ އޭނާގެ މައްޗަށް ކުރި އަށް އަހަރު ދުވަހުގެ ހުކުމެވެ.