23 Aug 2017, 18:26
މަތީ ތައުލީމް ހާސިލުކުރުމަށް ސަރުކާރުން ދޫކުރާ 1،000 ލޯނު ފުރުސަތަށް ހުޅުވާލައިފި އެވެ. މަތީ ތައުލީމު ހާސިލު ކުރަން ސަރުކާރުން ދޫކުރަމުން އަންނަ ލޯން ފުރުސަތަށް ކޮންމެ އަހަރަކު ވެސް ދެ ފަހަރަށް ހުޅުވާލި ނަމަވެސް މިއީ މިއަހަރު ހުޅުވާލި ފުރަތަމަ ފަހަރެވެ.
ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން (ޑީއެޗްއީ) އިން އިއްޔެހުޅުވާލީމަތީ ތައުލީމުގެ ލޯނު އެހީގެ ފުރުސަތުގެ ދަށުން ޑިޕްލޮމާއިން ފެށިގެން މާސްޓާސްއާ ހަމައަށް، ރާއްޖެ އަދި ރާއްޖޭން ބޭރުގައި ހުރެގެން އަލަށް ކިޔަވަންފަށާ ދަރިވަރުންނަށެވެ.
ޑީއެޗްއީ އިން ބުނީ، ލޯނަށް އެދި ހުށަހަޅާ ފޯމް މިއަދުން ފެށިގެން އަންނަ މަހުގެ 20 ވަނަ ދުވަހާ ހަމައަށް އެ ޑިޕާޓްމަންޓުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބޭނެ ކަމަށެވެ.
ލޯނަށް އެދި ހުށަހަޅާ ފޯމް ބަލައިގަންނަން ފަށާނީ މާދަމާއިން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 3:00 އާ ދެމެދު ވެލާނާގޭ ދެވަނަ ބުރީގައި ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި ފޯމް އީމެއިލް މެދުވެރިކޮށާއި އޮންލައިންކޮށް ވެސް ހުށަހެޅޭނެ އެވެ.
މިފަހަރުގެ ލޯނަށް ޑީއެޗްއީ އިން ހުޅުވާލާފައި މި ވަނީލޯނު އުސޫލަށްމުހިއްމު ދެ ބަދަލެއް ވެސް ގެނެސްފައެވެ.
އުސޫލަށް ގެނައި ދެ ބަދަލާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، މީގެ ކުރިން އެއް ދާއިރާއަކަށް ކުރިމަތިލެވުނު ނަމަވެސް މިފަހަރު ކޮންމެ ދަރިވަރަކަށް ވެސް ދެ ދާއިރާއަކަށް ކުރިމަތިލެވޭނެ ކަމަށެވެ.
އެގޮތުން ފުރަތަމަ ކޯހުން ފުރުސަތު ނުލިބި ހިނގައްޖެނަމަ، ދެ ވަނަ ކޯހުން ފުރުސަތު ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން ރާއްޖޭން ބޭރުގައި ކިޔަވަން ލިބޭ ލޯނު ފުރުސަތުގެ ދަށުން، ގައުމު ބަދަލުކުރުމުގެ އިހްތިޔާރު ވެސް މި މަހު އާއްމުކުރި އުސޫލުގެ ދަށުން ލިބިގެންދާނެ ކަމަށެވެ.
"މިސާލަކަށް ލޯން ލިބިގެން ކިޔަވަން ދާން ލިބުނު ގައުމުގައި ހުރެގެން ކިޔަވަން މިދެނީ ހަތަރު ލައްކަ ރުފިޔާ. ނަމަވެސް ދަރިވަރު ބޭނުންވަނީ އެ ހަތަރު ލައްކަ ރުފިޔާ ހިފައިގެން އެހެން ގައުމެއްގައި ކިޔަވަން. އަޅުނގަޑުމެން މިބުނަނީ މައްސަލައެއް ނެތޭ. ހަތަރު ލައްކަ ރުފިޔާއަށް ކިޔެވިދާނޭ. ނަމަވެސް އޭރުން އިތުރަށް އަރާ އެއްޗެއް ދައްކަންޖެހޭނީ އެ ކުއްޖަކު އަމިއްލައަށް،" ނަޒީރު ވިދާޅުވިއެވެ.
ނަޒީރު ވިދާޅުވި ގޮތުގައި، އެގޮތަށް އުސޫލަށް ބަދަލު ގެނައީ ވީހާ ވެސް ގިނަ ދަރިވަރުންނަށް ފުރުސަތު ދިނުމުގެ ގޮތުންނާއި އެކަމަށް އެތައް ބެލެނިވެރިންނާއި ދަރިވަރުން އެދެމުންދާތީ ކަމަށެވެ.
މިފަހަރު ހުޅުވާލި ލޯނުގެ ތެރެއިން 16 ދާއިރާއަކުން ރާއްޖޭން ކިޔެވުމަށް ދެނީ 428 ފުރުސަތެވެ. އަދި ސާކުގެ އަށް ގައުމުގެ އިތުރުން ޗައިނާ، ފިލިޕީންސް، މެލޭޝިޔާ އަދި ތައިލެންޑުގައި ތިބެގެން 28 ދާއިރާއަކުން 572 ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ރާއްޖޭގައި ހުރެގެން ކިޔެވުމަށް އެންމެ ގިނަ އަދަދެއް ފުރުސަތު ދީފައިވަނީ ކޮމްޕިއުޓަރ ކޯޑިންގެ ދާއިރާއިންނެވެ. ޑިޕްލޮމާ ފެންވަރުގެ އެ ކޯހަށް 200 ފުރުސަތު ވަނީ ހުޅުވާލާފައެވެ. އޭގެ އިތުރުން ރާއްޖޭގައި ހުރެގެން ލޯން ދޭ ދާއިރާތަކުގެ ތެރޭގައި ޕައިލެޓް ސްޓަޑީސް އާއި ޕޮލިޓިކަލް ސައިންސް ހިމެނެއެވެ.
ރާއްޖޭން ބޭރުގައި ހުރެގެން އެންމެ ގިނަ ފުރުސަތު ހުޅުވާލާފައިވަނީ ވޮކޭޝަނަލް ދާއިރާތަކުގައި ހިމެނޭ ކަންތައްތަކާއި ޓީޗިން، ނާސިން އަދި މެޑިސިން އިން އެމްބީބީއެސް އިންނެވެ.