ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާއާ ގުޅިގެން ފޮރެންސިކް ފުލުހުން މިއަދު ޝަރީއަތަށް ހާޒިރުކޮށް ހެކިބަސް ނަގައިފިއެވެ.

ފޮރެންސިކް ފުލުހުން ހާޒިރުކޮށް ހެކިބަސް ނަގާފައި ވަނީ ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅި ވީޑިއޯ ރެކޯޑިންއާ ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމަށް ކަމަށް ގާސިމްގެ ވަކީލުން ވިދާޅުވިއެވެ. ނަމަވެސް އެ އަޑުއެހުން ކުރިއަށްގެންދިޔައީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމަށްވާތީ އެކަމުގެ ތަފްސީލު ވަކީލުން ހިއްސާކޮށްފައެއްނުވެއެވެ.

ދައުލަތުން ވަނީ ވީޑިއޯ އެނަލިސިސް ރިޕޯޓަކާއި އޯޑިއޯ އެނަލިސިސް ރިޕޯޓެއް ޝަރީއަތަށް ހުށަހަޅާފައެވެ.

ގާސިމްގެ މައްޗަށް އެ ދައުވާ އުފުލީ ޖުމްހޫރީ ޕާޓީ ދޫކޮށް ޕީޕީއެމާ ގުޅުވަޑައިގެންނެވި މެމްބަރުން އަނބުރާ އެޕާޓީއާ ގުޅިވަޑައިގެންފިނަމަ 2019 ވަނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގެ ޓިމެޓު ދިނުމުގެ އިތުރުން އެހެނިހެން ގޮތްގޮތުން ވެސް އެހީތެރިވާނެ ކަމަށް ޖަލްސާއެއްގައި ވިދާޅުވެފައިވާތީއެވެ.

ގާސިމްގެ ވަކީލުން ވިދާޅުވީ މިއަދުގެ އަޑުއެހުމުގައި ދައުވާ ސާބިތުކުރަން ހުށަހެޅި ހެކިތަކާ ގުޅޭގޮތުން ދައުލަތުން ވާހަކަދައްކާފައިވާ ކަމަށެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި ހެކިތަކާ ގުޅޭގޮތުން ވާހަކަދެއްކުމުގެ ފުރުސަތު ގާސިމަށް ދޭނެ ކަމަށް ގާޒީ ވިދާޅުވި ކަމަށް ވަކީލުން ވިދާޅުވިއެވެ.

ގާސިމް މިއަދު ވިދާޅުވީ އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އަންނަ ހަފްތާގައި ބާއްވަން ނިންމާފައިވާ ކަމަށް ގާޒީ ވިދާޅުވި ކަމަށެވެ.