23 Aug 2017, 16:17
އިސްލާމްއާބާދު (އޮގަސްޓް 23): ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ އަނބިކަނބަލުން ކުލްސޫމް ނަވާޒަށް ކަރުގެ ކެންސަރު ޖެހިފައިވާ ކަމަށް ޑޮކްޓަރުން ބުނެފި އެވެ.
ޕާކިސްތާނުގެ ނޫސްތަކުން އެފަދައިން ރިޕޯޓު ކުރީ ކުލްސޫމް ނަވާޒް ޓެސްޓުތައް ހެދުމަށް އިނގިރޭސިވިލާތަށް ފުރާ ވަޑައިގަތް ފަހުންނެވެ. އެކަމަނާ ނިސްބަތްވާ ޕާކިސްތާން މުސްލިމް ލީގް-ނަވާޒް (ޕީއެމްއެލްއެން) ޕާޓީން ބުނި ގޮތުގައި އެބައްޔަށް ބޭސް ކުރެވޭނެ އެވެ.
އެ ޕާޓީން ވަނީ ނަވާޒް ޝަރީފް ބޮޑުވަޒީރު ކަމުން ދުރުކުރުމުން ހުސްވި މަޖިލިސް ގޮނޑިއަށް ކުލްސޫމް ވާދަ ކުރައްވާނެ ކަމަށް މީގެ ކުރިން ބުނެފަ އެވެ. އެގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމަށް ބައި އިލެކްޝަން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހެވެ.
އަދި ކުލްސޫމް ބައްޔަށް ބޭސް ކުރައްވާ އިރު އެކަމަނާއަށް ކެމްޕެއިން ކުރައްވާނެ ކަމަށް ބެލެވެނީ ދަރިކަނބަލުން މަރިޔަމް އެވެ.
"އެކަމަނާގެ ކެންސަރަށް ބޭސްކުރެވޭނެ އަދި އަޅުގަނޑުމުން އުއްމީދު ކުރަން އެކަމަނާގެ ހާލު އަވަހަށް ރަނގަޅު ވާނެ ކަމަށް، ނަމަވެސް އިންތިހާބުގެ ކުރިން އެކަމަނާ (ކެމްޕެއިނުން) ފެނިގެން ނުދިޔުމަކީ އެކަށީގެންވާ ކަމެއް،" ޕީއެމްއެލްއެންގެ އިސް މެމްބަރެއް ކަމަށްވާ މުޝާހިދުﷲ ޚާން ވިދާޅުވި އެވެ.
އުމުރުން 67 އަހަރުގެ ނަވާޒް ޝަރީފް މަގާމުން ދުރުކުރީ، 1990ގެ އަހަރުތަކުގައި އޭނާ ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގައި ހުންނެވި އިރު، ކަޅުފައިސާ ދޮވުމުގެ މުއާމަލާތްކޮށް، ނަވާޒް ޝަރީފް އާއި އޭނާގެ އާއިލާއިން ޕާކިސްތާނުގެ ދައުލަތުގެ ފައިސާ ގަތަރަށް ގެންގޮސް އެފައިސާއިން ލަންޑަނުން ގެތަކެއް ގަތްކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ސުޕްރީމް ކޯޓުން ބެލުމަށް ފަހުގަ އެވެ. (ބީބީސީ)