25 Jul 2011, 08:42
ދާދި މިދާކަށް ދުވަހަކު ދިމާވި ކަމަކުން އަޅުގަނޑު ފިތްކަނޑުވާލައިފި އެވެ. އެއީ ހޫނުގަދަ ދުވަހެއްގެ، މެންދުރުގެ ވަގުތެވެ. ހޫނު ތަވައެއްފަދަ މަގުތަކުގައި އެންމެ ކާރޫ ބާރޫ ބޮޑުވާ އެއްގަޑި އެވެ. އަޅުގަނޑަށް އެހިސާބަށް ދެވުނު އިރު، ދުވާރުމަތީގައި މީހަކު ރުޅިއައިސް ރަތްވެގެން ހުރެ، މަގުގެ އަނެއްފަރާތުގައި ހުރި މީހަކާ ދިމާއަށް ހަމަ ހެއްދެވި ނެހެއްދެވިއަށް ގޮވަނީ އެވެ. އަށްޑިހައަށް އަރައިގެން މިއުޅެނީ ދުވަސްވީ ފިރިހެނެކެވެ. ފެންނަފެނުމުން ޔަގީންވަނީ އެއީ ސިކުނޑި ހަމަނުޖެހޭ މީހެއްކަމެވެ. ހުދާއި ކަޅު އެކުވެ، ދާވެފައިވާ ދިގު ތުނބުޅިއަކުން މޫނުމަތި މުޑުދާރުކޮށްފައި ވާއިރު، ލައިގެން ހުރި ގަމީހާއި މުންޑުން، ކުލަ ވަކިވާވަރެއް ނުވެ އެވެ. އޭނާގެ ހަޑި ހުތުރު ބަސްތަކުން ތަޅަމުން ގެންދިޔައީ، މަޑުމައިތިރި، އަދި އެއަށްވުރެ މާތް ސިފައަކަށް ފެންނަން ހުރި، ދެބައި އުމުރުގެ މީހެއްގެ ގައިގަ އެވެ.
މީހުން މަޑުމަޑުން އެދިމާއަށް އެއްވަމުން ދިޔައިރު، އަޅުގަނޑަށް ވެސް އިނދެވުނީ އެ ބައިގަނޑު ތެރޭގައި ހިމެނިފަ އެވެ. ގިނައިރެއް ނުވެ، ކުއްލިއަކަށް ފެނުނީ އެއްކަލަ "މޮޔަމީހާ" އެތަނުން ބޮޑު ގަލެއް ނެގިތަނެވެ. އޭރު އޭނާ ރުޅިގަދަވެގެން ގޮސް ތުރުތުރު އަޅަ އެވެ. ބަލާކަށް ނުުހުރެ، ހޫރާލައިފި އެވެ. އެއްކަލަ މީހާއާ ދިމާއަށެވެ. ހިތްބަލި ބައެއް އަންހެނުން ހަޅޭއްލަވައިގަތް އަޑު އިވުނެވެ. ނަޞީބު ރަނގަޅުކަމުން އެމީހާގެ ގަޔަކު ލައްވައެއް ނުލިއެެވެ. ގައި ކައިރިން ވައިކަފައިލާފައި ގޮސް ޖެހުނީ އެދިމާ ފާރުގަ އެވެ. ފާރުން ބައެއް އުތުވިގެން ދިޔަ އެވެ.
އިތުރު ހަމަލާއެއް އައުމުގެ ކުރިން އެ މީހާ އެތަނުން ދިޔުމަށްޓަކައި، އަވަސް އަވަހަށްެ ހިނގައިގެންފި އެވެ. ފަހަތުން "މޮޔަމީހާ" ވެސް ހިނގައިގެންފި އެވެ. ހަޅޭއް ފަޅޭއް ޖަހަމުންނެވެ. ދެތިން ފިޔަވަޅަކަށްފަހު، އަނެއްކާ އަނެއް ގާބުރި ނަގައި ހޫރާލައިފި އެވެ. މިފަހަރުވެސް ނަޞީބު އެމީހާއަށް އެހީވި އެވެ. އެހިސާބަށް ކަންތައް ދިޔުމުން އެމީހާ އަވަސް އަވަހަށް އެ މާޙައުލު ދޫކޮށް ހިނގައްޖެ އެވެ.
އޭގެފަހުން ފެނުނު ކޮންމެ މީހަކާ ދިމާއަށް "މޮޔަމީހާ" ހަޅޭއްލެވި އެވެ. އަޅުގަނޑަށް ބަސް ހުއްޓިފައި އެތައް އިރަކު އިނދެވުނެވެ. ހިތަށް އެރި އެވެ. ސިކުނޑި ހަމަ ނުޖެހޭ މީހަކު، ކޮށްފައި ނުކުރާނެ ކަމެއް ނޯންނާނެ އެވެ. އިއްތިފާގުން ހަމަ އެދުވަހު މެންދުރުފަހުގެ ވަގުތެއްގައި، އެ މޮޔަމީހާގެ ރުޅިވެރި ބަސްތަކުން "ޒަޚަމް"ވި މީހާއާ ދިމާވި އެވެ. ވާހަކަ ދައްކާލުމުން އެނގުނީ މޮޔަމީހާއަކީ އޭގެކުރިން އޭނާ ދުވަހަކު ދުށް މީހެއްވެސް ނޫންކަމެވެ.
މިވާހަކަ ރައްޓެއްސަކާ ހިއްސާކޮށްލުމުން އޭނާވެސް މިފަދަ ވާހަކައެއް ކިޔައިދިނެވެ. އެއީ ފެކަލްޓީގައި ކޯހެއް ހަދަމުން ގެންދާ ދަރިވަރެކެވެ. ހުކުރުދުވަހެއްގެ ހެނދުނު ވަގުތު، ކޯހުގެ ދެތިން ބައިވެރިޔަކާއެކު ކޯހުގެ މަސައްކަތެއްގައި، މަޖީދީމަގުގައި ހުރި ދެބުރި މިސްކިތެއްގެ މަތީ ބުރީގައި އެމީހުން ތިއްބާ، މީހަކު ބާރު ބާރަށް ރުޅިވެރިކަމާއެކު ހަޅޭއްލަވަމުން އައިސް މިސްކިތުގެ މަތީ ބުރިއަށް އަރައިފި އެވެ. އޭނާ ސިފަކޮށް ދިން ގޮތުން، އަޅުގަނޑަށް ލަފާކުރެވެނީ، އެއީ ހަމަ ކުރީގެ ހާދިސާގައިވެސް އުޅުނު މީހާ ކަމަށެވެ. އޭނާ މިސްކިތަށް އެރީވެސް އެ މުޑުދާރުކަންމަތީގަ އެވެ. އަތުގައި ތިން ފޫޓެއްހާ ދިގުމިނުގެ ދަނޑިގަނޑެެއްވެސް އޮތްކަމަށް ވެއެވެ. އެކުދިން ފެނުމާއެކު ދުލަށް އައިހާ ނުބައި އެއްޗެއް ގޮވަންފަށައިފި އެވެ. މިސްކިތުގެ މާތް ތަޅުމުގައި ހުރެ އެވެ.
އެމީހާ އެއްޗެހި ގޮވަމުން މަޑުމަޑުން ގާތްވާން ފެށުމުން، މިވެރިންނަށް ތިބެވުނީ ހަދާނެގޮތް ހުސްވެފައި ތިބި ކަހަލަ ގޮތަކަށް އެމީހާއާ ދިމާއަށް ބަލާށެވެ. އެހެން ތިއްބާ، ހަމަ ކުއްލިއަކަށް އަތުގައި އޮތް ދަނޑިބުރި، އަތުކޮޅަށް ދަމާލުމަށްފަހު ފޮނުވާލި ހަމަލާ އަމާޒުވީ، ހުޅުވާފައި ހުރި ލެޕްޓެޕޮގެ ސްކްރީނަށެވެ. ސްކްރީން ފުނޑުފުނޑު ވެއްޖެ އެވެ. އެމީހާ ހަޅޭއްލަވަމުން ފައިބައިގެން ދިޔައިރު، އެކުދިންނަށް ތިބެވުނީ ބަސް ހުއްޓިފަ އެވެ.
މީހާއަކީ ހަމަ މީހެއް ނޫންކަން ގަބޫލުކުރަމެވެ. ހަމަ މީހަކަސް، ހަމަ ނޫން މީހަކަސް، އެމީހެއްގެ ކިބައިން މީހަކަށް އަނިޔާެއެއް ލިބިއްޖެނަމަ އެ ވާނީ އަނިޔާއަކަށެވެ. ގެއްލުމެއް ލިބިއްޖެނަމަ، އެވާނީ ގެއްލުމަކަށެވެ. ހޫރާލި ގާބުރިން އެއްކަލަ މީހާގެ ގައިގައި ލައްވާލިނަމަ، އޭނާގެ ދުވަސް ދިޔައީ އެވެ. އަނެއްކޮޅުން ކިޔަވާ ކުދިބައެއްގެ ލެޕްޓޮޕްގެ ބޭނުންވެސް ހުސްވީ އެވެ. މިސްކިތުގެ ހުރުމަތްވެސް ކެނޑުނީ އެވެ. ފެނުނު މަންޒަރާއި އިވުނު ވާހަކަތަކުން އެނގެނީ، މިފަދަ މީހުންގެ ކިބައިންވެސް އެތައް ގެއްލުމެއް މީސްމީހުންނަށް ލިބިފައި ހުންނާނޭކަމެވެ. ވީއިރު މިފަދަ ކަންކަމުގެ ޒިންމާ ނަގާނީ ކާކުހެއްޔެވެ؟ ކޮންމެވެސް ހައްލެއް އޮންނަންވާނެ އެވެ.