އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ޓީމުތަކުން ކުރިއެރުން ހޯދަމުންދާތަން ފެންނަމުންދާ ކަމަށް ކްލަބު ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހް މުހައްމަދު (ސޮބާ) ބުނެފި އެވެ.

ދިވެހި ޕްރިމިއާ ލީގުގައި މާދަމާ ހަވީރު ގްރީނާއި ދ. ކުޑަހުވަދޫ ބައްދަލުކުރާ މެޗުގެ ކުރިން އިއްޔެ އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ގްރީންގެ ކޯޗު ސޮބާ ބުނީ، ކުޑަހުވަދޫން ވެސް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)އާ އެކު ރަނގަޅަށް ކުޅެމުންދާ ކަމަށެވެ.

"މި ފެނުނު މެޗުތަކަށް ބަލާއިރު ފެށިއިރަށް ވުރެ ދެ މެޗު ތިން މެޗު ކުޅެލިއިރުގައި މާ ބޮޑަށް ވެސް ޓީމުތަކުގެ އިމްޕްރޫވްމަންޓްސް ފެނިއްޖެ. މިލަންދޫން ވެސް މާޒިޔާއާ އިދިކޮޅަށް ކުޅުނު އިރު ފަހު ވަގުތު މާޒިޔާއިން ގޯލެއް ޖަހައިގެން މޮޅުވިތަން ފެނުނީ. ކުޑަހުވަދުއަށް ބަލާލާއިރު މޯހަން ކޯޗާ އެއްކޮށް ރަނގަޅަށް ކުޅެމުންދޭ. ޑިފެންސް ކުރުމުގެ ބަދަލުގައި ބޯޅަ ލިބުނީމާ ބިރު ކަނޑާލާފައި ރަނގަޅަށް ކޫޅޭތަން އަޅުގަނޑަށް ފެނޭ،" އޭނާ ބުންޏެވެ.

ސޮބާ ބުނީ، ކުޑަހުވަދޫގެ ޓީމުގައި ރަނގަޅު ކުޅުމެއް ދައްކަމުންދާ ކުޅުންތެރިން ހިމެނޭ ކަމަށާއި ކުޑަހުވަދޫން ބިރުންނޫޅެ ބޯޅަ ކުޅެން އުޅޭތަން ފެންނަމުންދާ ކަމަށެވެ. އަދި ގްރީނުން ފަސޭހަ މެޗެއްގެ ގޮތުގައި އެ މެޗު ނުނަގާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"ހުރިހާ ގޮތަކަށް ބެލިޔަސް ގްރީން ސްޓްރީޓްސްއަށް ސީޒަން ރަނގަޅު ހިސާބެއްގައި ނިންމާލަން ބޭނުން ނަމަ ވަރަށް މުހިންމު ތިން ޕޮއިންޓަށް ވާނެ. އަޅުގަނޑު ފަސޭހަ ކޮށެއް ނުނަގާނަން. ކުޑަހުވަދުއަށް ފުލް ރެސްޕެކްޓް އެބައޮތް. އަޅުގަނޑުމެން ނަގާނީ ވަރަށް ސީރިއަސް މެޗެއްގެ ގޮތުގައި. އިރާދަކުރެއްވިއްޔާ މަސައްކަތުން ކުޅުންތެރިންގެ އަސްލު ފޯމުގައި ކުޅެއްޖެއްޔާ މޮޅުވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" އޭނާ ބުންޏެވެ.

ސޮބާ ބުނީ، ލީގެއްގައި ވެއްޖެއްޔާ ކޮންމެ މެޗަކުން ވެސް މޮޅުވުން މުހިންމު ކަމަށާއި ބޮޑު ޓީމަކަށް ވެސް ޕޮއިންޓެއް ނުލިބި ހިންގައިދާނެ ކަމަށެވެ. އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ށ. މިލަންދޫ ބައްދަލުކުރި މެޗު ވެސް ދިޔައީ އެކަހަލަ ގޮތަކަށް ކަމަށް އޭނާ ބުންޏެވެ.

ގްރީނުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައިވާ އިރު، އެއް މެޗުން ވަނީ ބަލިވެފަ އެވެ. ކުޑަހުވަދޫ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފައިވާ އިރު، އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ.