އިސްލާމް އާބާދު (ޖުލައި 24) : ދެކުނު އޭޝިޔާ ސަރަޙައްދުގައި އިންޑިޔާގެ ނުފޫޒު ފެތުރުމަށް ގޮވާލައްވައި އެެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން މީގެ ހަތަރު ވަރަކަށް ދުވަސްކުރިން ދައްކަވާފައިވާ ވާހަކަތައް ޤަބޫލުނުކުރެވޭނެ ކަމަށް ޕާކިސްތާނުން ބުނެފިއެވެ.

އެސޯސިއޭޓެޑް ޕްރެސްއަށް ދެއްވި ބަސްދީގަތުމެއްގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޔޫސުފް ރަޒާ ގީލާނީ ވިދާޅުވީ އެއްވެސް ޤައުމަކުން ދެކުނު އޭޝިޔާއަށް ނުފޫޒު ފޯރުވުމަކީ ޕާކިސްތާނުން ޤަބޫލުނުކުރާނެ ކަމެއްނޫން ކަމުގައެވެ.
އިންޑިޔާއަށް ކުރައްވި ދަތުރުފުޅެއްގައި މދިޔަ ބުދަދުވަހު ހިލަރީ ކްލިންޓަން އިންޑިޔާއަށް ގޮވާލައްވާފައިވަނީ ދެކުނު އޭޝިޔާ ސަރަޙައްދުގައި ބާރުގަދަ ދައުރެއް އަދާކުރަން އިންޑިޔާއަށް ޖެހޭކަމަށާ ދެކުނު އޭޝިޔާގެ އިތުރުން އޭޝިޔާ ޕެސިފިކް ސަރަޙައްދުގައިވެސް އިންޑިޔާގެ ވުޖޫދު ހަރުދަނާކުރަން އެމެރިކާ އެދޭ ކަމުގައެވެ. އޭޝިޔާއާއި އޭޝިޔާ ޕެސިފިކްގެ މުސްތަޤްބަލް ކުރެހުމުގައި އިންޑިޔާ މިހާރަށްވުރެ ބޮޑު ރޯލެއް އަދާކުރުމަށްވެސް ހިލަރީ އިންޑިޔާ ސަރުކާރަށް ގޮވާލެއްވިއެވެ.

އެމެރިކާގެ ނުފޫޒުގެ ދާއިރާގައި އިންޑިޔާ ޖައްސައި އެެމެރިކާގެ މަސްލަޙަތު ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޤައުމަކަށް އިންޑިޔާ ހެދުމުގެ ސްޓްރެޓީޖިކް ވިސްނުން އެމެރިކާ ގެންގުޅޭ މިންވަރު ހިލަރީގެ މިވާހަކަތަކުން ހާމަވެގެން ހިނގައްޖެކަމަށް މުޙައްލިލުން ވިދާޅުވެއެވެ.

އިންޑިޔާ ކުރިޔަށް ނެރުމަށް އެމެރިކާ ބޭނުންވަނީ ދުނިޔޭގެ ބޮޑުބާރަކަށް ވަމުންއަންނަ ޗައިނާ އާ ކުރިމަތިލުމަށް އެމެރިކާ ނުކުޅެދޭތީ ކަމަށްވެސް މުޙައްލިލުން ދެކެއެވެ. އެމެރިކާގެ ވިސްނުމާ ދެކޮޅަށް ޕާކިސްތާނުގެ ބޮޑުވަޒީރު ވާހަކަ ދައްކަވާފައިވަނީ ޕާކިސްތާނަށް ދިނުމަށް ހަމަޖެހިފައިވާ އަސްކަރީ އެހީގެ ބޮޑުބައެއް ހިފެހެއްޓުމަށް އެމެރިކާ ނިންމާފައިވަނިކޮށެވެ.

އެމެރިކާގެ މިނިންމުމަށް ރައްދު ދިނުމުގެ ގޮތުން އަފްޣާނިސްތާނާއި ޕާކިސްތާނުގެ ސަރަޙައްދީ ރޮނގު ބެލެހެއްޓުމުގައި އެމެރިކާއަށް އެއްބާރުލުން ދިނުން ޕާކިސްތާނުން ވަނީ ވަރަށް ބޮޑަށް ކުޑަކޮށްލާފައެވެ. -- އެސޯސިއޭޓެޑް ޕްރެސް