23 Aug 2017, 12:28
ރައްޔިތުންގެ މަޖިލީހުގެ ގއ. ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިނާއި އެޑިޔުކޭޝަން މިނިސްޓްރީގެ ކުރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް ހަނީފުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވުމަށް ތާވަލު ކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ބުނީ މިއަދު ހެނދުނު 11:30ގައި ބާއްވަން އޮތް އިބްތިދާއީ އަޑުއެހުން ކެންސަލް ކުރީ، ކޯޓަށް ހާޒިރުވުމުގެ އަމުރު ސައުދާ ހަވާލު ނުކުރެވި ވާތީ ކަމަށެވެ.
ސައުދާއި ހަނީފުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އެވެ.
ސައުދާއި ހަނީފުގެ މައްޗަށް އެދައުވާ އުފުލާފައިވަނީ ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން ރޭވި ކަމުގެ ތުހުމަތުގައެވެ.
މީހަކަށް އަނިޔާވެރިވުމުގެ ގޮތުން އޭނާގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ ހިއްސަކަށް ގެއްލުންދިނުމާއި ގެއްލުންދޭން ރޭވުމާއި ގެއްލުންދޭން އުޅުމަކީވެސް ކުށެކެވެ.
އެ ކުށުގެ އަދަބެއް ކަމަށް ޓެރަރިޒަމް ގާނޫނުގައި ކަނޑައަޅާފައިވަނީ 17 އަހަރާއި 20 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.