23 Aug 2017, 12:13
މިދިޔަ ޖުލައި މަހުގެ ނިޔަލަށް ދައުލަތަށް 9،9 ބިލިއަން ރުފިޔާ ވަދެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ބުނެފި އެވެ.
މީރާ އިން އާންމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޖުލައި މަހުގެ ނިޔަލަށް ދައުލަތަށް ދިވެހި ފައިސާގެ ގޮތުގައި 4.7 ބިލިއަން ރުފިޔާ ވަދެފައިވާ އިރު ޑޮލަރުގެ ގޮތުގައި 340.5 މިލިއަން ޑޮލަރު ވަނީ ވަދެފަ އެވެ. އެއީ އެ އިދާރާ އިން ނަގާ އެކި އެކި ޓެކްސް އާއި ފީ ހިމެނޭ ގޮތަށެވެ.
މީރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މަހުގެ ނިޔަލަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް (ޖީއެސްޓީ) އިންނެވެ. އެއީ ޖުމްލަ އާމްދަނީގެ 42.3 އިންސައްތަ (4.1 ބިލިއަން ރުފިޔާ) އެވެ. މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ދައުލަތަށް ޖީއެސްޓީގެ ގޮތުގައި ލިބުނީ 3.8 ބިލިއަން ރުފިޔާ އެވެ.
އަހަރުގެ މިހާތަނަށް ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް، ބީޕީޓީންނެވެ. ބީޕީޓީގެ ގޮތުގައި ދައުލަތަށް 2.3 ބިލިއަން ރުފިޔާ ލިބިފައިވާ އިރު މިދިޔަ އަހަރުގެ ޖުލައިގެ ނިޔަލަށް ދައުލަތަށް ވަދެފައި ވަނީ 2.2 މިލިއަން ރުފިޔާ އެވެ. ޖުލައިގެ ނިޔަލަށް ލިބުނު ޖުމްލަ އާމްދަނީގެ 22.8 ޕަސެންޓު ހިއްސާ ކުރަނީ ބީޕީޓީންނެވެ.
ޖުމްލަ އާމްދަނީގެ 7،8 ޕަސެންޓް ހިއްސާކުރާ ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި މި މުއްދަތުގެ ތެރޭ ދައުލަތަށް 776 މިލިއަން ރުފިޔާ ވަދެފައިވާ އިރު ޖުމްލަ އާމްދަނީގެ 6.6 ޕަސެންޓް ހިއްސާކުރާ ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި ލިބިފައި ވަނީ 649 މިލިއަން ރުފިޔާ އެވެ.
އަހަރުން އަހަރަށް ބަލާއިރު ދައުލަތަށް ލިބިފައިވާ އާމްދަނީ 6.1 ޕަސެންޓު އިތުރުވެފައިވާ އިރު، މަހުން މަހަށް ލިބުނު އާމްދަނީ ވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން ޖޫން މަހާ އަޅާ ބަލާއިރު ޖުލައި މަހުގެ އާމްދަނީ ވަނީ 35.6 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ދައުލަތަށް 1.3 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާއިރު މިއަހަރުގެ ޖުލައި މަހު 2.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.