23 Aug 2017, 12:09
އަންނަ މަހު ކުޅޭ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗަށް ނެގި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން އަސަދުﷲ އަބްދުﷲ (އަސައްކޮ) ބާކީކޮށް، އަލީ އަޝްފާގު (ދަގަނޑޭ)އަށް ޖާގަ ދީފިއެވެ.
އޭއެފްސީ ކަޕް ކޮލިފައިންގައި އަންނަ މަހުގެ ފަސް ވަނަ ދުވަހު އޮމާންއާ ދެކޮޅަށް ކުޅޭ އަވޭ މެޗަށް ނެގި ސްކޮޑު އިއްޔެ އިއުލާން ކުރިއިރު، އޭރު ދަގަނޑޭ ހިމަނާފައެއް ނުވެއެވެ.
ދަގަނޑޭއަށް ގައުމީ ޓީމުން ޖާގަ ދީފައި ވަނީ މެޑިކަލުން އޭނާ ފާސްވުމާ ގުޅިގެން ކަމަށް އެފްއޭއެމުން ބުނެއެވެ. އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކެޕްޓަން އަސައްކޮ ބާކީ ކޮށްފައިވަނީ އޭނާ ފިޓް ނޫން ކަމަށް އެފްއޭއެމްގެ މެޑިކަލް ޓީމުން ނިންމާފައިވާތީ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ށ. މިލަންދޫއާ ދެކޮޅަށް މާޒިޔާ ކުޅުނު މެޗުގައި އަސައްކޮއަށް ވަނީ އަނިޔާވެފައެވެ. އެ މެޗުގައި އޭނާގެ ކަކުލަށް އަނިޔާ ލިބިފައިވާ ކަމަށް މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮވްސްކީ ބުނެއެވެ.
ގައުމީ ޓީމުން ދަގަނޑޭއަށް ޖާގަ ދީފައިވާއިރު، އަނިޔާގައި ހުރުމަށްފަހު އެނބުރި ކުޅުމުގެ ތެރެއަށް ނުކުމެ ދަގަނޑޭ ދަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއެކު ޕްރިމިއާ ލީގުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ލީގުގައި ނިއު ކުޅުނު ތިން މެޗުން އޭނާ ވަނީ ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ.
ކޯޗު ޑެރަން ސްޓެވާޓް ގައުމީ ސްކޮޑަށް ނެގި ކުޅުންތެރިންގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ނިއުއާއި މާޒިޔާގެ ކުޅުންތެރިންނެވެ. ނިއުގެ ނުވަ ކުޅުންތެރިޔަކު ހިމަނާފައިވާއިރު، މާޒިޔާގެ ހަ ކުޅުންތެރިޔަކު ޓީމުގައި ހިމަނާފައިވެއެވެ.
ގައުމީ ސްކޮޑުގައި މާޒިޔާ އަދި ނިއުގެ ކުޅުންތެރިންގެ އިތުރުން ދެން ހިމެނެނީ ޓީސީ ސްޕޯޓްސް ކްލަބުގެ ތިން ކުޅުންތެރިޔަކާއި ކްލަބު ގްރީން ސްޓްރީޓްސްގެ ދެ ކުޅުންތެރިޔަކާއި ގދ. ތިނަދޫގެ ދެ ކުޅުންތެރިއެއް އަދި ށ. މިލަންދޫގެ ގޯލްކީޕަރެވެ.
އޮމާންއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ގައުމީ ސްކޮޑު:
ނިއު ރޭޑިއަންޓް
މުހައްމަދު ފައިސަލް - ގޯލްކީޕަރު
- އަޝްފާގު އަލީ (ދަގަނޑޭ)
- މުހައްމަދު ރަޝީދު (ހޮކޭ)
- އަހްމަދު އަބްދުﷲ (ލިލީ)
- އަލީ ފާސިރު (ސެންޓޭ)
- ހަމްޒާ މުހައްމަދު (ހަމްޕު)
- އަކްރަމް އަބްދުލްގަނީ (އަކޫ)
- ރިލްވާން ވަހީދު (ރިލޭ)
- އަބްދުﷲ ޒިޔަޒަން – ގޯލްކީޕަރު
މާޒިޔާ
އަމްދާން އަލީ (އެންޑީ)
- ސަމޫހު އަލީ (ސަމުއްޓޭ)
- އަޝްއަދު އަލީ (އަޑުބަރޭ)
- މުހައްމަދު އުމައިރު
- އިސްމާއިލް އީސާ (މެސީ)
- މުހައްމަދު އިރުފާން (އިރޭ)
ގްރީން ސްޓްރީޓްސް
ޝާފިއު އަހްމަދު (ޝާފީ)
- އަހްމަދު ރަޝީދު (އައްމަޑޭ)
ޓީސީ
އަހްމަދު ޒާދު
- ހަސަން ނާއިޒް (ދާދު)
- އިބްރާހިމް ވަހީދު ހަސަން (އިއްބެ)
ތިނަދޫ
އިމްރާން ނަޝީދު
- އަހްމަދު ރިޒުވާން
މިލަންދޫ
މުހައްމަދު އިމްރާން - ގޯލްކީޕަރު