ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި ހަތަރު ވަނަ ރިސޯޓް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން މީރު އައިލެންޑް ރިސޯޓުން ހޯދައިފި އެވެ.
މިއީ މިމުބާރާތުގެ ޗެމްޕިއަންކަން އެ ރިސޯޓުން ހޯދި ހަތަރު ވަނަ ފަހަރު ވެސް މެއެވެ.

މުބާރަތުގެ ޗެމްޕިއަންކަން މީރު އައިލެންޑް ހޯދީ ސޮނޭވާގިލި ރިސޯޓާ ބައްދަލުކޮށް 17 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.

މީރު ފައިނަލަށް އައީ މުބާރާތުގައި އެ ރިސޯޓް ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ނެވެ. އަދި ސޮނޭވާ ރިސޯޓް ފައިނަލަށް ދަތުރު ކުރީ ކުޅުނު ތިން މެޗްގެ ތެރެއިން ދެ މެޗް ކާމިޔާބު ކޮށްގެން ނެވެ.

މީގެއިތުރުން މިމުބާރާތުގައި ދެން ވާދަކުރި އަނެއް ދެ ރިސޯޓްގެ ތެރެއިން ކުލަބްމެޑް އެއްމެޗުން މޮޅުވިއިރު، ޕެރަޑައިސް ކުޅުނު އެއް ވެސް މެޗަކުން މޮޅެއްނުވެ އެވެ.

މިއަދުގެ ފައިނަލްފައި ޓޮސް ދިމާވުމުން ސޮނޭވާ ގަސްތުކުރީ ހޮވުމަށެވެ. އެގޮތުން މީރު ކުޅެންއަރާ އަށް އޯވަރުގެ ތެރޭގައި 109 ލަނޑު ހެދިއެވެ. އެންމެ ރަނގަޅަށް ކުޅުނީ 26 ލަނޑުހެދި ހާން އެވެ. ޖަވާބުގައި ސޮނޭވާ ކުޅެންއަރާ 92 ލަނޑު ހެދިއެވެ. އަދި އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 34 ލަނޑުހެދި ޖަގަތް އެވެ. މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ 16 ލަނޑަށް ހަތަރު ވިކެޓް ނެގި މާލިކް އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ 69 ލަނޑު ހެދި ޕެރަޑައިސްގެ ފެނާންޑޯ އެވެ. އެންމެ މޮޅު އުކުންތެރިއަކަށް ހޮވުނީ އަށް ވިކެޓް ނެގި މީރު ރިސޯޓުގެ ސަލީމް އެވެ.