ރާއްޖޭގެ ލީޑިން ޕްރައިވެޓް ކޮލެޖެއް ކަމަށްވާ އެވިޑް ކޮލެޖުން މާލޭން ބޭރުގައި ގާއިމްކުރާ ފުރަތަމަ ކެމްޕަސް ގދ. ތިނަދޫގައި ހުޅުވަން ނިންމައިފި އެވެ.

މާލޭގައި ދެ ކަމްޕަސް ހިންގަމުން އަންނަ އެވިޑް ކޮލެޖުން ބުނި ގޮތުގައި، ތިނަދޫ ކުރީގެ އުލޫމިއްޔާ ޕްރީ ސްކޫލް ހިންގި އިމާރާތުގައި ހުޅުވަން ނިންމާފައިވާ އެ ކެމްޕަހަކީ ހުވަދު އަތޮޅަށް އަމާޒު ކޮށްގެން ހުޅުވާ ކެމްޕަހެއް ކަމަށެވެ.

އެވިޑް ކޮލެޖުގެ ޑިވެލޮޕްމަންޓް އެންޑް މާކެޓިންގެ ޑިރެކްޓަރު އިބްރާހިމް ނަސީމް ވިދާޅުވީ، އަންނަ މަހުގެ ތެރޭގައި ހުޅުވާ ތިނަދޫ ކެމްޕަހުގައި ސެޓްފިކެޓް ލެވެލް ތިނަކުން ފެށިގެން މާސްޓާސް ޑިގްރީ ފެންވަރުގެ 20 ޕްރޮގްރާމެއް ހިންގާނެ ކަމަށެވެ.

ތިނަދޫ ކެމްޕަހުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކާ ބެހޭ މައުލޫމާތު އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:30 އިން 12:00 އަށް ތިނަދޫ އުލޫމިއްޔާ ޕްރީ ސްކޫލުގެ ހޯލުގައި އޮންނާނެ ކަމަށް އެ ކޮލެޖުން ބުންޏެވެ. އެ ދުވަސްތަކުގައި ކޯސްތަކަށް ފޯމް ބަލައިގަތުން ވެސް ކުރިއަށްދާނެ ކަމަށެވެ.

ތިނަދޫގައި ހުޅުވާ ކެމްޕަހުގެ ތައްޔާރީތައް ކުރުމަށް އެ ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދާއި ބައެއް އިސްވެރިން މިއަދު ތިނަދުއަށް ވަޑައިގަންނަވާ އިރު، އެ ދަތުރުގައި ދެ ޓްރޭނިން ޕްރޮގްރާމެއް ހިންގުމަށް ވެސް ވަނީ ނިންމައިފަ އެވެ.

އެއީ ކޮލެޖުތަކަށާއި ވަޒީފާތަކަށް ވަނުމުގެ ކުރިން އެނގެންޖެހޭ މުހިއްމު މައުލޫމާތުތަކާއި ހުނަރުތަކާއި ސިފަތައް ދަސްކޮށް ދިނުމަށް ދެ ދުވަހުގެ ޓްރޭނިން ކުލާހަކާއި ވަޒީފާތަކުގައި މަސައްކަތްކުރާ އެކި އިދާރާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށް އެއް ދުވަހުގެ ޕްރޮގްރާމެކެވެ.

ނަސީމް ވިދާޅުވި ގޮތުގައި، ގދ. އަތޮޅު ކައުންސިލާއި ގދ. ތިނަދޫ ރަށު ކައުންސިލާ ގުޅިގެން ހިންގާ އެ ދެ ޕްރޮގްރާމަކީ ވެސް ހިލޭ ބައިވެރިވެވޭ ދެ ޕްރޮގްރާމެވެ.

އަދި ކަމުގެ އިލްމާއި ހުނަރު ލިބިފައިވާ ބޭފުޅުން ކިޔަވައިދެއްވާ އެ ކުލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާއިރު އަތޮޅުގެ އެހެން ރައްރަށުން ބައިވެރިވާން ބޭނުންވާ ބޭފުޅުންނަށް ވެސް، ތިނަދުއަށް ވަޑައިގެންނެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮލެޖެއްގެ ގޮތުގައި މަސައްކަތް ފެށިތާ އަދި މާ ގިނަ ދުވަހެއް ނުވި ނަމަވެސް، ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ އެވިޑް ކޮލެޖުގެ މަސައްކަތް ފުރަތަމަ ފެށިގެން އައީ 2004 ވަނަ އަހަރު އެވިޑް މޯބައިލް ޓްރޭނިންގެ ނަމުގަ އެވެ.

އަދި 2005 ވަނަ އަހަރު އެ ސެންޓަރުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް ފަހު އެވިޑް ޓްރޭނިންގް ސެންޓަރުގެ ނަމުގައި ރެޖިސްޓްރީކޮށް އެމްކިޔޫއޭ އިން ގަބޫލުކުރާ ފެންވަރުގެ ތަފާސް ކޯސްތަކެއް މާލެއާއި އަތޮޅުތަކުގައި ހިންގަން ފެށި އެވެ.

ޓްރޭނިން ސެންޓަރަކުން ކޮލެޖުގެ ނަމަށް އެވިޑް ކޮލެޖުގެ މަސައްކަތްތައް ފުޅާކުރީ 26 އޮގަސްޓް، 2013 ވަނަ އަހަރު އެވެ.

އެގޮތުން މިއަދާ ހަމައަށް އައިއިރު އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން ބައިނަލްއަގްވާމީ ކޮލެޖް އަދި ޔުނިވާސިޓީތަކުގެ ކޯސްތައް ވެސް އެވިޑް ކޮލެޖުގައި ދަނީ ހިންގަމުންނެވެ. އެގޮތުން މެލޭޝިޔާގެ ޔޫސީއެސްއައި ޔުނިވާސިޓީގެ ޕީއެޗްޑީ ޕްރޮގްރާމަކާއި ހަމަ އެ ޔުނިވަރސިޓީގެ ޕީޖީޑީޓީޓީ ކޯހެއް ހިމެނެ އެވެ.

އޭގެ އިތުރުން މެލޭޝިއާގެ މަޝްހޫރު ރިސާޗް ސެންޓަރަކާ ގުޅިގެން އެވިޑް ރިސާޗް އެންޑް އިނޮވޭޝަން ސެންޓަރު (އެރިކް)ގެ ނަމުގައި ރިސާޗް ސެންޓަރެއް ވަނީ ގާއިމްކޮށްފަ އެވެ.