ތެހެރާން (އޮގަސްޓް 23) : ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު އީރާނުން ސޮއިކޮށްފައިވާ ނިއުކްލިޔާ އެއްބަސްވުމާ އެމެރިކާ ޚިލާފުވެއްޖެ ނަމަ އެކަމުގެ ނަތީޖާ ގޯސްވާނެ ކަމުގެ އިންޒާރު އީރާނުން ދީފި އެވެ.

އީރާނުގެ ނިއުކްލިޔާ ހަކަތައާ ބެހޭ އިދާރާގެ ވެރިޔާ އަލީ އަކްބަރު ސާލިޙީ ވިދާޅުވީ ނިއުކްލިޔާ އެއްބަސްވުމާ އެމެރިކާ ޚިލާފުވެއްޖެ ނަމަ މަތީ ފެންވަރެއްގައި ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް އީރާނުން ފަށާނެކަމުގަ އެވެ. މިގޮތުން އީރާން ބޭނުންވެއްޖެ ނަމަ އެންމެ ފަސް ދުވަހުގެ ތެރޭގައި 20 ޕަސެންޓަށް ޔޫރޭނިޔަމް ފައްކާ ކުރުމުގެ މަސައްކަތް އަލުން ފެށުމުގެ ގާބިލްކަން އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކުގައި އެބަހުރި ކަމަށް ސާލިހީ ވިދާޅުވި އެވެ.

އީރާނުގައި މަތީފެންވަރަށް ޔޫރޭނިޔަމް ފައްކާކުރާ ފޯޑޯ ނިއުކްލިޔާ ޕްލާންޓަކީ ހެވިވޯޓާ ނިއުކްލިޔާ ރިއެކްޓަރެކެވެ. އެތަނުގެ ނިއުކްލިޔާ ސެންޓްރިފިއުޖް މެޝިންތައް ހުންނަ ބައި ހުންނަނީ ބިމުއަޑީގަ އެވެ. އީރާނުގެ ރައީސް ހަސަން ރޫހާނީ ދާދިފަހުން ވަނީ އީރާނުން ބަލިސްޓިކް މިސައިލް ޓެކްނޮލޮޖީ ތަރައްގީ ކުރާތީ އެކަމާދެކޮޅަށް އެމެރިކާ އިން ދާދިދަހުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ފާޑުވިދާޅުވެ އިތުރަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ ނަމަ ނިއުކްލިޔާ އެއްބަސްވުން އުވާލަންޖެހިދާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.

އެމެރިކާ ވަނީ ނިއުކްލިޔާ މައްސަލާގައި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބޮޑުބައި އުވާލާފަ އެވެ. ނަމަވެސް އީރާނުން ނިއުކްލިޔާ އެއްބަސްވުމުގައި ސޮއިކޮށް އެއާއެއްގޮތަށް އަމަލުކުރަމުން ދިޔަ ނަމަވެސް އެމެރިކާ ވަނީ ބޭންކިންގެ ދާއިރާއާއި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް އުވާލުމަށް ފަސްޖެހިފަ އެވެ. މީގެ ތެރޭގައި އެމެރިކާގެ މާލީ ނިޒާމުގެ ތެރެއަށް ވަނުމަށް އީރާނަށް ހުރަސްއަޅާ ފިޔަވަޅުތައް ހިމެނެ އެވެ. އީރާނުން ހަތިޔާރާއި ޓެކްނޮލޮޖީ ތަރައްގީކޮށް އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަސައްކަތްކުރާހާ ހިނދަކު އެމެރިކާ މިފިޔަވަޅުތައް އުވައެއްނުލާނެ އެވެ.

ނަމަވެސް އީރާނުން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ސިޔާސަތު ދޫކޮށް އެމެރިކާ އިން ހަތިޔާރުގަނެ އިސްރާއީލާ މެދު އީރާން ގެންގުޅޭ ހަރުކަށި ސިޔާސަތު ދޫކޮށްލަނިކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާ އިން އުވާލާނެ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދިފަހުން ވަނީ އީރާނުން ނިއުކްލިޔާ އެއްބަސްވުމުގެ ރޫހަށް އިޙްތިރާމް ނުކުރާކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. އަދި އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަކީ އީރާނަށް ފައިދާވާ ގޮތަށް އެކުލަވާލާފައިވާ އެއްބަސްވުމެއް ކަމަށް ވިދާޅުވެ އެމެރިކާގެ ވެރިކަން ލިބިވަޑައިގެންފި ނަމަ އެއެއްބަސްވުން އުވާލާނެކަމަށް ވިދާޅުވެ ރިޔާސީ ކޭންޕޭންގެ ދުވަސްވަރު ވާހަކަ ދައްކަވައިފަ އެވެ.

ނަމަވެސް އެމެރިކާގެ ވެރިކަމަށް ވަޑައިގަތުމަށް ފަހު ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުން ދެމެހެއްޓުމަށް ނިންމަވައިފަ އެވެ.

އީރާނުގެ ނިއުކްލިޔާ އެއްބަސްވުން ބިނާވެފައި ވަނީ ނިއުކްލިޔާ ހަތިޔާރު އުފެއްދުމަށް އީރާން ކުރަމުން ގެންދިޔަ މަސައްކަތް ވަކި މުއްދަތަކަށް މަޑު ޖައްސާލުމުގެ މައްޗަށެވެ. ނަމަވެސް މަދަނީ ކަންކަމުގައި ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުން އެއެއްބަސްވުން ހުއްދަކުރެ އެވެ. އެއީ މަދަނީ ކަންކަމުގައި ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީ ކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކުގައި ކޮންމެ ގައުމަކަށް ވެސް ހުއްދަ ދީފައިވާ ކަމަކަށްވާތީ އެކަންމަނާ ކުރެވޭނެ ގޮތެއް ނެތުމުންނެވެ.

ނިއުކްލިޔާ ޓެކްނޮލޮޖީ އަކީ ބޮން ހަދަން ބޭނުންކުރިޔަސް މަދަނީ ބޭނުންތަކަށް ބޭނުން ކުރިޔަސް އެއީ އެކަށްޗަކަށްވާތީ މަދަނީ ކަންކަމުގައި ނިއުކްލިޔަ ޓެކްނޮލޮޖީ ތަރައްގީ ކުރާ ކޮންމެ ގައުމަކީ ވެސް ބޭނުންވެއްޖެ ހާލަތެއްގައި ނިއުކްލިޔާ ބޮން ހެދުމަށް ވެސް އެ ޓެކްނޮލޮޖީގެ މިސްރާބު ބަދަލުކޮށްލެވިދާނެ ގައުމުތަކެކެވެ. ނިއުކްލިޔާ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ވެސް އީރާނުން ވަނީ ޔޫރޭނިޔަމް ފައްކާކުރުމަށް ޓަކައި އައު ޓެކްނޮލޮޖީ އެއްގެ ނިއުކްލިޔާ ސެންޓްރި ފިއުޖް މެޝިންތަކެއް އުފައްދައިފަ އެވެ.

އީރާނަކީ ބޭނުންވެއްޖެ ހިނދެއްގައި ނިއުކްލިޔާ ބޮން އުފެއްދުމުގެ އިލްމީ ފަންނީ އަދި ޓެކްނޮލޮޖީގެ ގާބިލްކަން ލިބިފައިވާ ގައުމެކެވެ. ނަމަވެސް އުތުރު ކޮރެޔާ ގޮތަށް ނިއުކްލިޔާ ބޮން ހަދައިގެން ބައިނަލްއަގްވާމީ މުޖްތަމައުން އެކަހެރިވެފައިވާ ގައުމަކަށްވާކަށް އީރާން ބޭނުމެއް ނުވެ އެވެ. އީރާން މިހާރު ވެސް ގެންދަނީ ކަރަންޓް އުފެއްދުމަށާއި ޑަކްޓަރީ ކަމުގެ ދާއިރާގައާއި ދަނޑުވެރިކަމުގެ ދާއިރާގައި ނިއުކްލިޔާ ޓެކްނޮލޮޖީގެ ބޭނުން ވަރަށް ބޮޑަށް ކުރަމުންނެވެ. (ނޫސްއެޖެންސީތައް)