23 Aug 2017, 11:21
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ 25 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗު ކާމިޔާބުކޮށް، ކިންގްސް ބާސްކެޓްބޯލް ކްލަބުން ފެށުން ރަނގަޅުކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ފެށުނު އެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ކިންގްސް ބާސްކެޓްބޯލް ކްލަބު ވަނީ ރެޕްޓާސް ބާސްކެޓްބޯލް ކްލަބުގެ މައްޗަށް ކުރި ހޯދައިފަ އެވެ.
އެމްބީއޭ ޗެމްޕިއަންޝިޕްގައި ކިންގްސް ބީސީއާއި ރެޕްޓާސް ބީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ކާމިޔާބުކުރީ ކިންގްސް ބީސީން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ރޭ ކުޅުނު އެ މެޗުގައި ރެޕްޓާސް ބީސީގެ މައްޗަށް ކިންގްސް ބީސީ ކުރި ހޯދީ 72-44 ޕޮއިންޓުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކިންގްސް ބީސީއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިން މުހައްމަދު ޒިލާލެވެ. ކިންގްސް ބީސީގެ ޒިލާލް އެ ޓީމަށް 20 ޕޮއިންޓް ހޯދައިދިންއިރު، ރެޕްޓާސް ބީސީއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ އެ ޓީމަށް ދިހަ ޕޮއިންޓް ހޯދައިދިން މުހައްމަދު އީވާން ޒާހީރެވެ.
އެ މުބާރާތުގައި މިއަދު ފިރިހެން ޑިވިޝަންގެ ދެ މެޗެއް ކުރިއަށްދާނެ އެވެ. މިއަދު ހަވީރު 4:30ގައި ކުޅޭ މެޗުގައި ޓީރެކްސް ބީސީއާއި އެލްކިޔު ސްޕޯޓްސް ބައްދަލުކުރާ އިރު، މިރޭ 8:30ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު އެޗްޑީސީއާއި ދަ ބައުސް އެވެ.
އެމްބީއޭ ޗެމްޕިއަންޝިޕްގައި ކިންގްސް ބީސީއާއި ރެޕްޓާސް ބީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ކާމިޔާބުކުރީ ކިންގްސް ބީސީން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އެ މުބާރާތުގެ ފިރިހެން ޑިވިޝަން އަދި އަންހެން ޑިވިޝަން ވެސް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ފިރިހެން ޑިވިޝަންގެ ގްރޫޕް އެކެއްގައި ހިމެނެނީ ކިންގްސް ބީސީއާއި ރެޕްޓާސް ބީސީއާއި ސްޓިންގާސް ބީސީ އަދި ރެޑްވިންގްސް ބީސީ އެވެ. އެ ޑިވިޝަންގެ ގްރޫޕް ދޭއްގައި ހިމެނެނީ ޓީރެކްސް ބީސީއާއި އެލްކިޔު ސްޕޯޓްސްއާއި ކްލަބު އެޗްޑީސީ އަދި ދަ ބައުސް އެވެ.
އަންހެން ޑިވިޝަންގެ ގްރޫޕް އެކެއްގައި ހިމެނެނީ ޓައިޓަންސް އެސްސީއާއި ރެޑްވިންގްސް ބީސީއާއި ރައިވެރިޔާ އަދި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ)އެވެ. އެ ޑިވިޝަންގެ ގްރޫޕް ދޭއްގައި ހިމެނެނީ ސައިކްލޯން ބީސީއާއި ޔޫތު އެސްސީ އަދި ޓީރެކްސް ސްޕޯޓްސް އެކަޑަމީ (ޓީއެސްއޭ) އެވެ.