ބާސެލޯނާގެ ރަސްމީ ޓުވިޓާ އެކައުންޓް ހެކް ކުރުމަށް ފަހު، ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ އަންހެލް ޑި މަރިއާގެ ސޮއި ހޯދިކަން އިއުލާންކޮށްފި އެވެ.

ބާސާގެ ޓުވިޓާ އެކައުންޓް ހެކް ކޮށްފައި ވަނީ ބާސާއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުގެ ކުރިން އެ ކްލަބު ދޫކޮށް ބްރެޒިލް ތަރި ނޭމާ، ޕީއެސްޖީއާ ގުޅުމުން 8.5 މިލިއަން ޔޫރޯ ހޯދުމަށް މަސައްކަތް ކުރަމުންދާކަން ބާސާއިން އިއުލާންކުރިތާ 24 ގަޑިއިރު ނުވަނީހެވެ.

މީގެ ނުވަ މަސްކުރިން ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ނޭމާ ސޮއި ކުރިއިރު ކޮންޓްރެކްޓް އާކުރުމުން ބާސާއިން އޭނާއަށް ބޯނަހުގެ ގޮތުގައި ދިން އަގު ހޯދުމަށް މަސައްކަތް ކުރާކަން އެ ކްލަބުން އިއުލާން ކުރުމާ އެކު ޓުވިޓާ އެކައުންޓް ހެކް ކުރުމަށް ފަހު، ބާސާއާ ގުޅުމުން އަންހެލް ޑި މަރިއާއަށް މަރުހަބާ ކިޔާ ކަމަށް ބުނެ ޓުވީޓެއް ކޮށްފައިވެ އެވެ.

ބާސާގެ ރަސްމީ ޓުވިޓާ ހެކް ކުރުމަށްފަހު، ކުރި ޓުވީޓްތައް ---

އެ ޓުވީޓަށް ފަހު ކުރި ޓުވީޓުގައި ބުނެފައި ވަނީ އެކައުންޓް ހެކް ކޮށްފައިވަނީ ސައުދީ އަރަބިއްޔާއަށް ނިސްބަތްވާ ގްރޫޕެއް ކަމަށްވާ "އަވާމައިން" އިންނެވެ. އެ ގްރޫޕަކީ ކުރިން ވިކިޕީޑިއާ އަދި ފޭސްބުކްގެ ފައުންޑަރުންގެ ފޭސްބުކް ޕޭޖްތަކާއި އެހެން ވެބްސައިޓްތައް ހެކް ކޮށްފައިވާ ގްރޫޕެކެވެ.

މިހާރު ބާސާއިން ވަނީ އަލުން އެ ކްލަބުގެ ޓުވިޓާ އެކައުންޓް ހޯދައި، ހެކް ކުރުމަށް ފަހު ކުރި ޓުވީޓުތައް ޑިލީޓް ކޮށްލައިފަ އެވެ.