24 Jul 2011, 21:23
މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ “މިސްޓާ އެމްއެންޑީއެފް 2011″ މުބާރާތުގެ މީޑިއާ ކިޓް ލޯންޗުކޮށްފި އެވެ.
މިކަމަށްޓަކައި ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތުގައި މީޑިއާ ކިޓް ލޯންޗުކޮށްދެއްވީ މިނިސްޓަރު އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އޮނަރަބަލް ތޮލްޙަތު އިބްރާހިމް ކަލޭފާނެވެ.
މިރަސްމިއްޔާތުގައި އޮފިޝަލް މީޑިއާ ޕާޓްނަރާ އެކު ދިވެހި ސިފައިންގެ ކުލަބުން ވަނީ ސޮއިކުރައްވާފަ އެވެ.
މިސްޓަރު އެމްއެންޑީއެފްގެ މި އަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރކަމުގައިވާ ދިޓީވީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޓީވީ ޗެނަލްގެ ސީއީއޯ މަސްޢޫދު ހިލްމީ އެވެ. އަދި ދިވެހި ސިފައިންގެ ކުލަބުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުލަބުގެ ރައީސް ލެފްޓިނެންޓް ކާނަލް މުޙައްމަދު ޒިޔާދެވެ.
ކޮޕްސް ބޭންޑުގެ ލައިވް މިޔުޒިކާ އެކު ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި “މިސްޓާ އެމްއެންޑީއެފް 2011″ މުބާރާތުގެ އެކި ދާއިރާތަކަށް ސްޕޮންސާ ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތަކަށް ވަނީ ފުރުޞަތު ހުޅުވާލާފަ އެވެ. މިގޮތުން މުބާރާތުގެ މެއިން ސްޕޮންސާ އާއި ކޯ-ސްޕޮންސަރުންނާއި، އޮފިޝަލް ޑްރިންކާއި، ވޯޓާ ސްޕޮންސާ ކޮށްދޭނެ ފަރާތެއްގެ އިތުރުން ސަޕޯޓިން ސްޕޮންސަރުންގެ ގޮތުގައި 10 ފަރާތެއް ކަނޑައެޅުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ވެސް އިތުރު ދާއިރާތަކަށް ސްޕޮންސާ ކުރުމުގެ ފުރުޞަތުތައް ހުޅުވާލާފައިވެ އެވެ.
"މިސްޓާ އެމްއެންޑީއެފް"ގެ ނަމުގައި ސިފައިން ބޮޑީބިލްޑިންގ މުބާރާތް ބާއްވަން ފެށީ 2009 ވަނަ އަހަރުން ފެށިގެންނެވެ. މި ސިލްސިލާގެ ފުރަތަމަ މުބާރާތުގެ ގްރޭންޑް ފިނާލޭ ޝޯ ބޭއްވީ )ނެސްކެފޭ މިސްޓަރ އެމް.އެން.ޑީ.އެފް 2009( ގެ ނަމުގައި، 2010 ޖެނުއަރީ އެއް ވަނަ ދުވަހުގެރޭ އަލިމަސްއުފާ ސްޓޭޖްގަ އެވެ. އެއަށް ފަހު މީގެ ދެވަނަ މުބާރާތް ބާއްވާފައި ވަނީ 2010 ޑިސެމްބަރ މަހުގެ ތެރޭގައި )ބްލޫސްޓޯމް މިސްޓަރ އެމް..އެން.ޑީ.އެފް. 2010( ގެ ނަމުގައެވެ.
ރާއްޖޭގައި ވެސް ފާހަގަ ކޮށްލެވޭ އެންމެ ބޮޑު މުނިފޫހިފިލުވުމުގެ ޝޯވގެ ގޮތުގައި ބާއްވަމުން އަންނަ މިމުބާރާތުގައި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންނާއި، ހުނަރުވެރި ފަންނާނުން އަންނަނީ ހުށަހަޅައިދެމުންނެވެ. އާންމުގެ ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ މިސްޓަރ އެމްއެންޑީއެފްގެ އެންމެ ފަހުން ބޭއްވި މުބާރާތުގައި 13 ކެޓަގަރީއަކުން ޖުމްލަ 29 ފަރާތެއް ވަނީ މުބާރާތަށް ސްޕޮންސާ ދެއްވާފަ އެވެ.