ބާސެލޯނާގެ ކުރީގެ ބްރެޒިލް ތަރި ނޭމާ އަތުން 8.5 މިލިއަން ޔޫރޯ (7.8 މިލިއަން ޕައުންޑް) ހޯދުމަށް އެ ކްލަބުން މަސައްކަތް ފަށައިފިއެވެ.

ބާސާ ދޫކޮށް ދުނިޔޭގެ ރެކޯޑު އަގަކަށް ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އާ ނޭމާ ގުޅުނީ މި މަހުގެ ތެރޭގައެވެ. އޭނާ ޕީއެސްޖީއާ ގުޅުނީ 222 މިލިއަން ޔޫރޯ (200 މިލިއަން ޕައުންޑް)ގެ އަގަކަށެވެ.

ބާސާއިން މިހާރު ނޭމާ އަތުން ބޭނުންވަނީ މީގެ ނުވަ މަސްކުރިން ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރިއިރު ކޮންޓްރެކްޓް އާކުރުމުން ބާސާއިން އޭނާއަށް ބޯނަހުގެ ގޮތުގައި ދިން އަގެވެ.

"ނޭމާގެ ކޮންޓްރެކްޓްގެ މުއްދަތު ހަމަނުކުރުމުން ކްލަބުން ބޭނުންވަނީ އޭނާއަށް ދިން އަގު. ނޭމާއަށް 8.5 މިލިއަން ޔޫރޯގެ ބޯނަހުގެ އިތުރުން އަގު އަދާކުރުން ލަސްވަމުންދާތީ ދިހަ އިންސައްތައިގެ އަގު ވެސް ދައްކަން ޖެހޭނެ. އަދި ނޭމާއަށް އެ އަގު އަދާ ނުކުރެވޭނަމަ، އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ޕީއެސްޖީން،" ބާސާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ބާސާގެ ބަޔާނާ ގުޅޭގޮތުން ޕީއެސްޖީން ބުނީ، އެކަމާމެދު ވަރަށް ހައިރާންވާ ކަމަށާއި ބާސާއިން ނޭމާއާ މެދު އަމަލުކުރާ ގޮތުން ހިތާމަކުރާ ކަމަށެވެ.

ނޭމާ އަތުން އޭނާއަށް ދިން އަގު ހޯދުމަށް ލޭބާ ޓްރައިބިއުނަލްއަށް ބާސާއިން މައްސަލަ ވައްދާފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. އެއީ ބާސާ ދޫކޮށް އުމުރުން 25 އަހަރުގެ ނޭމާ، ޕީއެސްޖީއާ ގުޅުނުތާ ހަފްތާއެއް ފަހުންނެވެ.