ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަދިވެސް އޮތީ ވެރިކަން ކުރާ ޕީޕީއެމްގެ އަތުގައި ކަމަށާއި މާދަމާގެ ޖަލްސާގައި އެކަން ވަރަށް ރަނގަޅަށް ދައްކާލާނެ ކަމަށް އެ ޕާޓީގެ ޕީޖީ ގުރޫޕްގެ ނައިބު ލީޑަރު މުހައްމަދު ފަލާހް ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން މިރޭ ކޯލިޝަން ޕާޓުނަރު، އެމްޑީއޭ ޖަގަހާގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަޖިލީހުގައި މިހާރު ކުރަމުންދާ ކަންކަމަކީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށާއި ޕީޕީއެމުން މަޑުން ތިބެނީ ލީޑާޝިޕްގެ އެދުމުގެ މަތިން ކަމަށެވެ. ނަމަވެސް ދެން މަޑުން ނުތިބޭނެ ކަމަށް ވެސް ފަލާހް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ މެޖޯރިޓީ މިހާރު ވެސް މަޖިލީހުގައި އޮތީ. ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެން އެމްޑީޕީއަށް ދައްކާލާނަން ޕީޕީއެމް މެންބަރުންގެ ބާރު މާދަމާ. އެތާންގައި ސެކިއުރިޓީން ތިބިނަމަ ސެކިއުރިޓީންގެ ކުރިމަތީގައި ތިބޭނީ އަޅުގަނޑުމެން،" އޭނާ ވިދާޅުވިއެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު ކަން ކުރައްވަމުން ގެންދަވާ ފަލާހު ވަނީ އިދިކޮޅު ޕާޓީތަކުން މަޖިލީހުގައި ހިންގަމުން ގެންދާ އިހްތިޖާޖުތަކުގައި އެންމެ އިސްކޮށް އުޅުއްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފަށް ބަހުގު ހޫނު ހަމަލާތަކެއް ވެސް ރައްދުކުރައްވާފައެވެ.

"މަހްލޫފްމެންގައިގަ ބާރު ހުރިއްޔާ ނިކަން ޖެހިލަބަލަ. ޖެހިލާފިއްޔާ ހަދާ ގޮތް ދައްކާލާނަން،" އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ މެޖޯރިޓީ މިހާރު ވެސް މަޖިލީހުގައި އޮތީ. އެމްޑީޕީއަށް ދައްކާލާނަން ޕީޕީއެމް މެންބަރުންގެ ބާރު މާދަމާ. އެތާންގައި ސެކިއުރިޓީން ތިބިނަމަ ސެކިއުރިޓީންގެ ކުރިމަތީގައި ތިބޭނީ އަޅުގަނޑުމެން،ރައީސް ޔާމީން

އިދިކޮޅު ފަރާތްތަކަށް ތާއިދުކުރާ ރައްޔިތުން މަޖިލިސް ކައިރިއަށް އެއްވާ ކަމަށް އިޝާރާތް ކުރައްވައި ފަލާހު ވިދާޅުވީ އެ ފަރާތްތަކަށް ވުރެން ގިނަ ރައްޔިތުން ޕީޕީއެމަށް އެއްކުރެވޭނެ ކަމަށެވެ. އަދި ފަލާހު ވަނީ ޕީޕީއެމަށް ތާއިދުކުރައްވާ ރައްޔިތުން މަޖިލިސް ކައިރިއަށް އެއްވުމަށް ގޮވާލާފަ އެވެ.

ޕީޕީއެމުން މަޖިލީހުގެ މެޖޯރިޓީ އޮތް ކަމަށް ބުނެފައިވާއިރު އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ޕީޕީއެމަށް ބޭނުންވާ ގޮތްތަކަށް ކަންކަން ފާސްކުރުމުގެ މެޖޯރިޓީއެއް މިހާރު ނޯންނާނެ ކަމަށެވެ. އަދި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ރިޔާސަތުގައި މަޖިލިސް ޖަލްސާ ކުރިއަށް ގެންދިއުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.