24 Jul 2011, 19:06
ސްޕެއިން އަދި ޔޫރަޕްގެ ޗެމްޕިއަން ބާސެލޯނާގެ ޒުވާން މިޑްފީލަޑަރ އޮރިއޮލް ރޮމީއު ޗެލްސީއަށް ގެންދިއުމަށް ބާސެލޯނާއާއިއެކު އެއްބަސްވުމަކަށް އާދެވިފައިވާކަމަށް ޗެލްސީން ބުނެފި އެވެ.
މެޑިކަލްއާއި އެއްބަސްވުމުގައި ސޮއިކުރުމުން ރޮމީއު ޗެލްސީއާއި ގުޅުނުކަން މުޅިން ޔަގީންވާނެކަމަށްވެސް ޗެލްސީއިން ބުނެފައިވެ އެވެ.
ބާސާއަށް ރޮމީއު ކުޅުނު ފުރަތަމަ މެޗަކަށް ވެގެންދިޔައީ މިދިޔަ ސީޒަންގައި ޑެޕޯޓިވޯ ލަކޮރޫނާއާއި ދެކޮޅަށް ކުޅުނު މެޗެވެ. މިމެޗް ނިމިގެންދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި 0-0 ން އެއްވަރުވެގެންނެވެ. ބާސާގެ މިޑްފީލްޑް ލައިންގައި ހިމެނޭ ތަޖުބާރު ކުޅުންތެރިންކަމަށްވާ ޒަވީ، އިނިއެސްޓާ އަދި ސާޖިއޯ ބުސްކެޓްގެ ސަބަބުން ފުރަތަމަ އެގާރައިން ރޮމިއުއަށްވަނީ އުނދަގޫކަމަކަށް ވެފައެވެ.
ސްޕެއިންގެ 20 އަހަރުން ދަށުގެ ގައުމީ ޓީމާއިއެކު 20 އަހަރުންދަށުގެ ވޯލްޑްކަޕްގައި ބައިވެރިވުމަށް ރަށުން ބޭރުގައިހުރި ރޮމިއުއަކީ ވިލަސް ބައޮސް ޕޯޓޯގައި ހުރިއިރުވެސް ހޯދަން މަސައްކަތްކުރި ކުޅުންތެރިއެކެވެ. އިނގިރޭސި އަސި ސްޕެއިންގެ މީޑިއާ ރިޕޯޓްތަކުން ބުނާގޮތުން ރޮމީއު ހޯދުމަށް ޗެލްސީއިން ބާސާއަށް ހުށަހެޅި އަގަކީ ފަސް މިލިޔަން ޕައުންޑެވެ.
ރޮމީއު ބާސެލޯނާއާއިއެކު އެއްބަސްވުމަކަށް އާދެވިފައިވާކަމަށް ޗެލްސީގެ ރަސްމީ ވެބްސައިޓުންވެސްވަނީ ކަށަވަރުކޮށްދީފަ އެވެ.
"ރޮމީއު ޗެލްސީއަށް ހޯދުމަށް ބާސެލޯނާއިން ހުށަހެޅި ކަންތައްތަކަށް ޗެލްސީ ފުޓްބޯލް ކްލަބުންވަނީ އެއްބަސްވެފައި. މިހަބަރު ބެންކޮކްގައިހުރެ ކޯޗް އަންދްރޭ ވިލަސް ބައޮސްވަނީ އިއުލާންކޮށްފައި." ޗެލްސީގެ ރަސްމީ ވެބްސައިޓްގައި ޝާއިއުކޮށްފައިވެ އެވެ.
މިޓްރާންސްފާގެ ކަންތައް ހަމަޖެހިއްޖެނަމަ ޗެލްސީގެ މިޑްފީލްޑަރ ޖޯން އޮބި މިކެލްގެ ކުރިމަގު އޮންނާނެގޮތަކާމެދު ސުވާލު އުފެދޭނެއެވެ. މީގެ އިތުރުން މެދުތެރެއިން ޖާގަ ހޯދުމަށް ފްރޭންކް ލަމްޕާޑް، ރަމިރޭސް އަދި ޖޯސް މެކްއެކްރެންއާ ރޮމީއު ވާދަކުރަން ޖެހޭނެ އެވެ.