23 Aug 2017, 00:54
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަކީ ވަރުގަދަ ޓީމަކަށް ވިޔަސް، ވާދަވެރި ކުޅުމެއް ދެއްކުމަށް ގދ. ތިނަދޫން މަސައްކަތް ކުރާނެ ކަމަށް އެ ޓީމުގެ ކޯޗު މާޓިނޭޒް ސައޭޒް ހުއާން މެނުއަލް ބުނެފި އެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާދަމާ ރޭ މާޒިޔާ އާއި ތިނަދޫ ބައްދަލުކުރާ މެޗުގެ ކުރިން އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ތިނަދޫގެ ކޯޗު ބުނީ، މާޒިޔާގެ ވަރުގަދަކަން އެނގޭ ކަމަށެވެ.
"އަހަރެންނަށް އެނގޭ މާޒިޔާ ޓީމުގެ ފެންވަރު. އެ ޓީމުގައި ވަރަށް މޮޅެތި ކުޅުންތެރިން އެބަތިބި. ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް އެ ޓީމުގައި ހިމެނޭ. އަހަރެމެން މެޗުގައި ވާދަވެރި ކުޅުމެއް ދެއްކުމަށް މަސައްކަތް ކުރާނަން. ޕްރެކްޓިސްތަކުގައި ކުޅުންތެރިން ދަނީ މަސައްކަތްތަކެއް ކުރަމުން،" އޭނާ ބުންޏެވެ.
ތިނަދޫގެ ކޯޗު ބުނީ، އޭނާ ތިނަދޫއާ ހަވާލުވީ ވަރަށް ފަހުން ކަމަށާއި އެ ޓީމަށް ގެނައި ބިދޭސީ ކުޅުންތެރިން ވެސް ޓީމާ ގުޅުނީ ވަރަށް ފަހުން ކަމަށެވެ. އެހެންކަމުން އެންމެ ރަނގަޅަށް ތައްޔާރުވުމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނު ކަމަށް އޭނާ ބުންޏެވެ.
"އެންމެ ރަނގަޅަށް ތައްޔާރުވުމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނު. މާޒިޔާ ކޯޗު ބުނިހެން އެންމެ ފަހު މެޗު ކުޅުނު ފަހުން ކުރިއަށްއޮތް މެޗަށް ތައްޔާރުވާން ގިނަ ދުވަސްތަކެއް ނުލިބޭ. އެކަމަކު މާދަމާ ކުޅޭ މެޗަކީ މާޒިޔާއާއި މިލަންދޫ ކުޅުނު މެޗެކޭ އެއްފަދައިން ވަރަށް ވާދަވެރި މެޗަކަށް ވާނެ ކަމަށް އުންމީދުކުރަން،" އޭނާ ބުންޏެވެ.
ޕްރިމިއާ ލީގުގައި މާޒިޔާ ކުޅުނު ތިން މެޗުން ވެސް މޮޅުވެ، އެ ޓީމު އޮތީ ތާވަލުގެ އެއްވަނައިގައެވެ. ލީގުގައި ތިނަދޫ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފައިވާއިރު، އެއް މެޗުން ވަނީ މޮޅުވެފައެވެ.