24 Jul 2011, 19:00
އިނިގިރޭސި ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑް ޓްރާންސްފާ މާކެޓްގައި ދެން ހަރަކާތްތެރިނުވާނެކަމަށް އެކްލަބުގެ ކޯޗް ސަރ އެލެކްސް ފާގަސަން ބުނެފިއެވެ.
މެދުތެރޭގައި ހަރަކާތްތެރިވި ޕޯލް ޝޯލްސް ރިޓަޔާކުރުމާ ގުޅިގެން އެތަން ފޫބައްދަން ކުޅުންތެރިއެއް މެންޔުނައިޓެޑަށް ހޯދިފައެއް ނުވެއެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ސްކޮޑް އަންނަ ސީޒަނަށް ވަރުގަދަކުރުމަށް ހޯދަން މަސައްކަތްކުރި އާސެނަލްގެ ސާމިރް ނަސްރީއާއި ލޫކާ މޮޑްރިޗް އަދި އިންޓަރ މިލާންގެ ވެސްލޭ ސްނައިޑާ ހޯދުމަށް ބޮޑު އަގުތައް ހުށަހެޅި ނަމަވެސް އެކުޅުންތެރިން ގެނައުމަށްވަނީ ނުކުޅެދިފައެވެ. މެންޗެސްޓާ ސިޓީއިން ނަސްރީ ހޯދުމަށް އެތައް މަސައްކަތެއް ކުރާއިރު ސްނައިޑާއާއި މޮޑްރިޗްގެ އަގުވަނީ އިންތިހާއަށް އުފުލިފައެވެ.
މެންޔުނައިޓެޑުން ބޭނުންވި މިކުޅުންތެރިން ނުލިބުމުގެ ސަބަބުން ކޯޗް ފާގަސަންއަށް އެންޑަރސަންގެ ބޭނުން ހިފަންޖެހޭނެކަމަށް ބެލެވެއެވެ. ކޯޗް ފާގަސަންގެ ވިސްނުންހުރިގޮތުން އަންނަ ސީޒަން ކުރިއަށްދާނީ އަލަށް ހޯދި ތިން ކުޅުންތެރިންނާއެކު އެވެ. ފޯވާޑެއް ފިޔަވައި ހުރިހާ ޑިޕާޓްމަންޓަކަށްވެސް ފާގަސަންވަނީ އާކުޅުންތެރިއެއް ގެނެސްފައެވެ.
އަލަށް މެންޔުނައިޓެޑާއި ގުޅުނު ކީޕަރު ޑެގޭ، ޑިފެންޑަރު ފިލް ޖޯންސް އަދި މިޑްފީލްޑަރު އޭޝްލީ ޔަންގްއަށް ފުރަތަމަ އެގާރައިން ޖާގަ ހޯދުމަށް އުނދަގޫތަކަކާއި ކުރިމަތިލާންޖެހޭނެކަމަށް ގަބޫލުކުރެވެއެވެ.
"އަހަރެމެން ބަލަމުން މިދަނީ މޮޅެތި ކުޅުންތެރިންނަށް. އަހަރެމެން ސީޒަން ފެށީވެސް ހުރި ކުޅުންތެރިންނާއިއެކު. އަހަރެން އެކަމާއި ހިތްހަމަޖެހޭ. އަހަރެމެން މިހާރު ކުޅުންތެރިއެއް ހޯދުމަށް މަސައްކަތެއް ނުކުރަން. އެހެންނަމަވެސް މެދުތެރެއަށް ހަރަކާތްރެރިވާނެ ކުޅުންތެރިއެއް ހާނުވަން މަސައްކަތްކުރަން." ފާގަސަން ބުންޏެވެ.