22 Aug 2017, 17:10
ރައްޔިތުންގެ މަޖިލީހުގެ ގއ. ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިނާއި އެޑިޔުކޭޝަން މިނިސްޓްރީގެ ކުރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް ހަނީފުގެ މައްޗަށް އުފުލާފައިވާ "ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުން" ދައުވާގެ އަޑުއެހުންތައް މާދަމާ ފަށަން ތާވަލުކޮށްފި އެވެ.
އެ މައްސަލާގައި އަޑުއެހުމެއް ތާވަލުކޮށްފައި ވަނީ މާދަމާގެ 11:30 ހަށެވެ.
ސައުދާއި ހަނީފުގެ މައްޗަށް އެދައުވާ އުފުލާފައިވަނީ ހައިކޯޓުގެ ފަނޑިޔާރު ޝުޖާ އުސްމާން އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.
ޓެރަރިޒަމް ގާނޫނުގެ ދަށުން މީހަކަށް އަނިޔާވެރިވުމުގެ ގޮތުން އޭނާގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ ހިއްސަކަށް ގެއްލުންދިނުމާއި ގެއްލުންދޭން ރޭވުމާއި ގެއްލުންދޭން އުޅުމަކީވެސް ކުށެކެވެ.
އެ ކުށުގެ އަދަބެއް ކަމަށް ޓެރަރިޒަމް ގާނޫނުގައި ކަނޑައަޅާފައިވަނީ 17 އަހަރާއި 20 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.