22 Aug 2017, 17:09
ޓީސީ ސްޕޯޓްސް ކްލަބަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށާއި އެ ޓީމުން ކުޅެނީ ވަރަށް އަވަސް ގޭމެއް ކަމަށް ށ. މިލަންދޫ ޓީމުގެ ކޯޗު މުހައްމަދު ނާސިރު ބުނެފިއެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާދަމާ ހަވީރު ޓީސީއާއި މިލަންދޫ ބައްދަލުކުރާ މެޗުގެ ކުރިން އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މިލަންދޫގެ ކޯޗު ނާސިރު ބުނީ ޓީސީގެ ގޭމް ޕްލޭން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ގޭމް ޕްލޭނާ މުޅިން ތަފާތު ކަމަށެވެ.
"ޓީސީގެ ފޯވަޑް ލައިނަކީ ވަރަށް އަވަސް ކުޅުމެއް ކުޅޭ ފޯވަޑް ލައިނެއް. އެމީހުންގެ ގޭމް ޕްލޭން މާޒިޔާއާ ތަފާތު. އެމީހުން އޯވަރޯލްކޮށް ކުޅޭއިރު މެޗު ތެރޭގައި ވެސް ބައިވަރު މޫވްމަންޓްތަކެއް އެމީހުން އެބަ ނަގާ. އެ ހުރިހާ ކަމަކަށް ވެސް މިލަންދޫ ޓީމުން ސަމާލުވާން ޖެހޭ. އެކަމަށް ސަމާލުވެގެން މެޗަށް މި ނުކުންނަނީ. ނިޒާމްބެ (ޓީސީގެ ކޯޗު މުހައްމަދު ނިޒާމް) އަޅުގަނޑުގެ ކޯޗެއްގެ ގޮތުގައި ހުރިއިރު ވެސް ފުދޭވަރަކަށް ގިނައިން އެފަދަ ޓެކްޓިސް އެއްޗެހި ދަނޑުމަތީގައި ހުންނައިރު ވެސް ކިޔައިދިން،" މިލަންދޫގެ ކޯޗު ބުންޏެވެ.
ނާސިރު ބުނީ، މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗެކޭ އެއްގޮތަށް ޓީސީއާ ދެކޮޅަށް މާދަމާ ކުޅޭ މެޗު ވެސް ވަރަށް އުނދަގޫ ވާނެ ކަމަށާއި ޓީސީގެ ގޭމް ހުއްޓުވުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އަދި އެންމެ ފަހުން މިލަންދޫ ޓީމުން ކުރި ދެ ޕްރެކްޓިސް ކުރިއަށް ގެންދިޔައީ އެކަމަށް އިސްކަމެއް ދީގެން ކަމަށް ވެސް އޭނާ ބުންޏެވެ.
"ޓީސީގެ ކޯޗަކީ އަޅުގަނޑުގެ ވެސް ކޯޗެއް. އަނެއްކާ ވެސް މަސައްކަތް ކުރަން މި ލިބެނީ ކޯޗަކާ ދެކޮޅަށް. ޓީސީން މި ކުޅެނީ ފުދޭވަރަކަށް އަވަސް ގޭމެއް. އަޅުގަނޑުމެން އެބަ ވިސްނަން ޖެހޭ ކަންނޭނގެ ޓީސީގެ ގޭމް ހުއްޓުވޭނެ ގޮތެއް. އެގޮތަށް އަޅުގަނޑުމެންގެ ދެ ޕްރެކްޓިސް މިދިޔައީ،" ނާސިރު ބުންޏެވެ.
ނިޒާމްބެ ބުނީ، މިލަންދުއާ ދެކޮޅަށް ކުޅޭ މެޗު ފަސޭހައެއް ނުވާނެ ކަމަށާއި ފުރަތަމަ ލިބޭ ފުރުސަތުތަކުން ޓީސީން ލަނޑު ނުޖަހައިފިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. އަދި މިލަންދޫ ޓީމުގެ ގިނަ ކުޅުންތެރިންނަކީ ގިނަ މެޗުތަކެއް ކުޅެފައިނުވާ ކުޅުންތެރިންނަށް ވުމުން އެ ކުޅުންތެރިންގެ ހަގީގަތް ނޭނގޭ ކަމަށް ވެސް އޭނާ ބުންޏެވެ.
ޕްރިމިއާ ލީގުގައި ޓީސީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ ބަލިވެފައެވެ. މިލަންދޫ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފައިވާއިރު، އެއް މެޗުން ވަނީ އެއްވަރުވެފައެވެ. މިލަންދޫ ބަލިވި ދެ މެޗުން ވެސް އެ ޓީމު ބަލިވެފައިވަނީ ހަނި ތަފާތަކުންނެވެ.