24 Jul 2011, 18:56
އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑާއި އަލަށް ގުޅުނު ކީޕަރު ޑޭވިޑް ޑިޖިއާ ޗިކާގޯ ފަޔާއާއި ދެކޮޅަށް ދެއްކި މޮޅު ކުޅުމަށް މެންޔުނައިޓެޑަށް 20 އަހަރުދުވަހު ކުޅެމުންއައި ތަޖުރިބާރު މިޑްފީލްޑަރު ރަޔަން ގިގްސްއާއި ކޯޗް ފާގަސަން ތައުރީފްކޮށްފިއެވެ.
ޑިޖިއާއަކީ ވަރަށް މޮޅު ގޯލް ކީޕަރެއްކަމަށް ގިގްވަނީ ފާހަގަކޮށްފައެވެ.
ދުނިޔޭގެ ތާރީޚުގައި އުފެދުނު މޮޅެތި ގޯލްކީޕަރުންގެ ލިސްޓްގައި ހިމެނޭ ޕީޓާ ޝޫމައިކަލްއާއި އެޑްވިން ވެންޑަސާއާއިއެކު ކުޅުނު ގިގަސް ގަބޫލުކުރާގޮތުގައި ޑިޖިއާއަކީވެސް އެފެންވަރަށް ވާސިލުވެވޭނެ މޮޅު ކީޕަރެކެވެ. ސްޕެއިންގެ ޒުވާން ކީޕަރު ކުޅުނު ފުރަތަމަ މެޗްގައި އެއްލަނޑު ވަތް ނަމަވެސް ހަ ހަމަލަ ވަނީ ދިފާއުކޮށްފަ އެވެ.
"ޑިޖިއާދެއްކީ ވަރަށް ރަނގަޅު ކުޅުމެއް. އޭނާ ބޯޅަތައް ކުޅުންތެރިންނަށް ލައިދިނުމުގައި ވަރަށް ރަނގަޅު." ގިގްސް ބުންޏެވެ.
ޗިކާގޯއިން 13 ވަނަ މިނެޓްގައި މެންޔުނައިޓެޑް ކޮޅަށް ޖެހި ލަނޑުގެ ސަބަބުން މޫނުމަތިން މާޔޫސްކަމެއް ނުފެނުން ޑިޖިއާވަނީ މިމެޗްގައި ވަރަށް މޮޅެތި ސޭވްތަކެއް ކޮށްފައެވެ. މިމެޗްގެ އިތުރުން މެޗްތަކެއް ކުޅެ ކުޅުންތެރިންނާއި ގުޅުން ބަދަހިކުރެވޭނެކަމަށް އުންމީދުކުރާކަމަށް އެތްލެޓިކޯ މެޑްރިޑުން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވު ކީޕަރު ބުންޏެވެ.
"އިނގިރޭސި ލީގާއި ސްޕެއިން ލީގުގެ ކުޅުން ވަރަށް ތަފާތު. ސީޒަންގެ ކުރިން އިތުރު މެޗްތަކެއް ކުޅުމުން އަހަރެންނަށް އިތުރު ފައިދާތަކެއް ލިބޭނެ." ކީޕަރު ޑިޖިއާ ބުންޏެވެ.
ގިގްސްގެ އިތުރުން މެންޔުނައިޓެޑްގެ ކޯޗް ފާގަސަންވެސްވަނީ ޑިޖިއާދެއްކި މޮޅުކުޅުން ފާހަގަކޮށް ތައުރީފްކޮށްފައެވެ.
"ޓެކްނިކަލީކޮށް ޑިޖިއާގެ ކުޅުން ވަރަށް މޮޅު. މުހިންމު ދަނޑިވަޅުތަކުގައި އޭނާ ޓީމު ސަލާމަތްކޮށްދިން." ކޯޗް ފާގަސަން ބުންޏެވެ.