19 May 2010, 05:26
10:00
އަންނަ އަހަރުން ފެށިގެން މަތީ ސާނަވީގައި ދިވެއްސާއި އިސްލާމް މި ދެ މާއްދާ އިހްތިޔާރީ ދެ މާއްދާގެ ގޮތުގައި ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާ ނިންމުމާ ދެކޮޅަށް ނުރުހުން ފާޅުކޮށް ގިނަ އަދަދެއްގެ ބަޔަކު އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްތަފާ ލުތުފީ ދިރިއުޅުއްވާ ގޭ ދޮށަށް އެއްވެ އެމަނިކުފާނުގެ އިސްތިޢުފާއަށް ގޮވާލައިފި އެވެ.
އެޑިއުކޭޝަން މިނިސްޓަރ ދިރިއުޅުއްވާ މއ. ވިކްޓަރީ ކައިރިއަށް ގިނަ އަދަދެއްގެ ބަޔަކު ރޭ ގާތްގަނޑަކަށް ދިހައެއްޖަހާކަންހާއިރު އެއްވެ، އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވާލާފައިވަނީ އަންނަ އަހަރުން ފެށިގެން މަތީސާނަވީގައި ދިވެއްސާއި އިސްލާމް މި ދެ މާއްދާ އިހްތިޔާރީ މާއްދާގެ ގޮތުގައި ހެދުމަށް އެޑިކޭޝަނުން ހަމަޖައްސާފައި ވަނީ ދިވެހި ބަހާއި އިސްލާމީ ތަރުބިއްޔަތު ފޮހެލުމަށް ކަމަށް ބުނެ އެކަމާ ހިތްހަމަނުޖެހިގެން ނެވެ. ގިނަ އަދަދެއްގެ ބޯޑުތައް ހިފައިގެން އެޑިއުކޭޝަން މިނިސްޓަރ ގޭ ކައިރިއަށް އެއްވި މީހުން ގޮވަމުންދިޔައީ އެމްޑީޕީގެ މެނިފެސްޓޯ ހިމާޔަތްކުރުމަށާއި އިސްލާމްދީން ހިމާޔަތްކުރުމަށާއި ދިވެހި ބަހަށް އިހްތިރާމްކުރުމަށެވެ. އަދި އެކަންތައްތައް ނުކޮށްދެވެންޔާމުން އެޑިއުކޭޝަން މިނިސްޓަރ އިސްތިއުފާދެއްވުމަށް ވެސް އެއްވެ ތިބި މީހުން ގޮވަމުންދިޔަ އެވެ.
ގާތްގަނޑަކަށް 70 އެއްހާ މީހުން އެއްވި އެމުޒާހަރާ ކޮންޓްރޯލް ކުރުމަށް ރޭ ފުލުހުންވެސް އެގޭ ދޮށުގައި ވަނީ ހަރަކާތްތެރިވެފައެވެ. އެމުޒާހަރާގެ ބައިވެރިން މުޒާހަރާ ނިންމާލީ އިތުރަށް އެކަންތައްތައް ގޯސްވެދާނެ ކަމަށް ބުނެ އަދި އެމުޒާހަރާ ކޮންމެވެސް އެހެން ދުވަހަކު ބޭއްވުމަށް ނިންމާފައެވެ.
މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އަދި ވަކިއެއް ބުނެފައެއް ނުވެ އެވެ.