ކ. ހިންމަފުށީގައި ހުންނަ ފެން ހަދާ،ލައިފް ފެންފެކްޓްރީގައި މަސައްކަތް ކުރި ބިދޭސީއެއް މަރުވެފައި އޮއްވައި މިދިއަ ހޮނިހިރު ދުވަހު ފެނުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ހިންމަފުށީގައި 38 އަހަރުގެ ބަންގްލަދޭޝް މީހަކު މަރުވެފައި އޮއްވައި ފެނިގެން އެމައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެމީހާ މިހާރު އޮތީ މޯޗަރީގައި ކަމަށާއި އެމައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާ ކަމަށްވެސް ބުންޏެވެ.

ހިންމަފުށިން ވާހަކަދެއްކި މީހަކު ބުނީ ބަންގްލަދޭޝް މީހާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އަދި އޭނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ގަބޫލު ކުރެވޭ ކަަމަށް ބުންޏެވެ.

އެ ބިދޭސީ މީހާއަކީ ލައިފް ފެން ކުންފުނީގައި މަސައްކަތް ކުރާ އެހެން ބިދޭސީންނާ އެއްކޮށް ދިރިއުޅޭ މީހެއްކަން އެނގިފައިވެ އެވެ.

ފުލުހުން އެމައްސަލަ ބަލަނީ ޝައްކު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިގެން ކަން އެނގިފައިވެ އެވެ.