ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް މުހައްމަދު ހުސައިން ޝަރީފު (މުންދު) އައްޔަން ކުރެއްވުމަށް މަޖިލީހަށް ފޮނުވުމުން އޭނާގެ ނަން ދިރާސާކުރުމަށް ކޮމެޓީއަށް ފޮނުވައިފިއެވެ.

މުންދުގެ ނަން ދިރާސާކުރުމަށް ފޮނުވާފައިވަނީ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީއަށެވެ.

މުންދަކީ މިހާރު ވެސް ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރެވެ. މުންދު އެ މަގާމުން ވަކިކުރި ކަމެއް އަދި އިއުލާނުކޮށްފައެއް ނުވެއެވެ.

ސްރީލަންކާގައި ކުރިން ރާއްޖޭގެ ސަފީރެއްގެ ގޮތުން ހުންނެވީ ޒާހިޔާ ޒަރީރެވެ. ޒާހިޔާ އެ މަގާމުން ވަކިކުރެއްވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ދުވަސްތަކަކަށް ފަހު މަޖިލީހުގެ ޖަލްސާއެއް މިއަދު ބޭއްވި ނަމަވެސް މިއަދު ވެސް ވަނީ އިދިކޮޅު މެންބަރުންގެ އިހްތިޖާޖާ ހެދި، ހަމަހިމޭން ކަމާ އެކު ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ނުވެފައެވެ.