ވ. ފުލިދޫގައި އެއްގަމު އުޅަނދު ދުއްވުން އެރަށު ކައުންސިލުން މަނާކޮށްފިއެވެ.

ފުލިދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ އެ ރަށަކީ ބިމުގެ ގޮތުން ކުޑަ ރަށަކަށް ވެފައި ލޯކަލް ޓުއަރިޒަމް ހަލުއި ކަމާ އެކު ކުރިއަރަމުންދާ ރަށަކަށްވުމުން ކައުންސިލްގެ ހުއްދައަކާ ނުލައި، ބަލިމީހުން ގޮވައިގެން ދަތުރުކުރާ އެންބިއުލެންސް ފިޔަވައި އިންޖީނުލީ އެއްވެސް އުޅަދެއް ދުއްވުމަކީ މަނާކަމެއް ކަމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

"ރަށުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރާ އުމްރާނީ ބޮޑެތި މަސައްކަތްތަކަށް ބޭނުންވާ ވެހިކަލް ގެނެސް، ބޭނުން ކުރުމުގެ ހުއްދައަށް ކައުންސިލްގައި އެދުމުން ކައުންސިލުން ބަލާފައި އެ ހުއްދަ އެފަރާތަކަށް ދޫކުރާގޮތަށް ވަނީ ނިންމާފައި،" އެ އިއުލާންގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ އިއުލާންގައި ބުނެފައިވަނީ ރަށުގައި ދުއްވާ ބައިސްކަލް، ރޭގަނޑު ބައްތި ނުދިއްލާ ދުއްވަމާއި މަގުހިނގާ މީހުނަށް ދަތިވާގޮތަށް ޕާކުކުރުމަކީ މަނާ ކަމެއް ކަމަށެވެ.

ހަތަރު ސަތޭކަ ފަންސާސް ވަރަކަށް މީހުން ދިރިއުޅެމުންދާ ފުލިދޫ ކައުންސިލްގެ ރައީސާ ސަނާ އަލީ ވާފިރު 'ސަން' އަށް ވިދާޅުވީ، ކައުންސިލްގެ އެ ނިންމުމަކީ ރަށުގެ ކުރިއެރުމަށާއި، ތިމާވެއްޓާ ރައްޓެހި ރަށެއްގެ ގޮތުގައި އެ ރަށް ދެމެހެއްޓުމަށް ކުރެވެމުންދާ މަސަތްކަތަށް އިތުރުވި ބޮޅެއް ކަމަށެވެ. އަދި އެ ނިންމުން މިހާރު ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ފޮނުވާފައިވާ ކަމަށް ވެސް ސަނާ ވިދާޅުވިއެވެ.