ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވާން ބޭނުންނުވާކަމަށް ރޮނާލްޑޯއާއި އެއްގޮތަކަށް ކުޅެމުން އަންނަ އެލެކްސިސް ސަންޗޭޒް ބުނެފި އެވެ.

ސައްބީސް މިލިޔަން ޔޫރޯއަށް ބާސެލޯނާއާ ގުޅުނު ތަރި، ޗިލީގެ ކުރީގެ ފޯވާޑް އެލެކްސިސް ސަންޗޭޒްގެ ކުޅުން ގިނަބަޔަކު ފާހަގަކުރަމުންދަނީ ރޮނާލްޑޯގެ ކުޅުމާއި އެއްގޮތް ކުޅުމެއްގެ ގޮތުގައި އެވެ.

ނަމަވެސް، ދާފިފަހުން މީޑިއާގައި ސަންޗޭޒް ބުނެފައިވަނީ، ރޮނާލްޑޯއަށް ވާން ބޭނުންނުވާކަމަށާއި އޭނާ ވާނީ ބާސެލޯނާގެ ސަންޗޭޒްއަށް އަށް ކަމަށެވެ.

"އަހަރެން ބޭނުމެއްނޫން ބާސެލޯނާގެ ރޮނާލްޑޯއަށް ވާކަށް. އަހަރެން ބޭނުންވަނީ ބާސެލޯނާގެ އެލެކްސިސް ސަންޗޭޒްއަށްވާން. ދުނިޔޭގެ އެންމެ މޮޅު ކްލަބަށް ކުޅެން އަހަރެން ފަހުރުވެރިވަން. އެކްލަބަށް ފައިދާހުރި މޮޅު ކުޅުމެއް ދެއްކޭތޯ ވަރަށް މަސައްކަތްކުރާނަން." ސަންޗޭޒް ބުންޏެވެ.

ބާސެލޯނާއަކީ ދުނިޔޭގެ އެންމެ މޮޅު ކްލަބުކަމާއި އެކްލަބުގެ ފޯވާޑް ލަޔޮނަލް މެސީއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާކަމަށް ގަބޫލުކުރާކަމަށްވެސް ސަންޗޭޒް ބުންޏެވެ.

"ބާސާއަކީ އަހަރެން ނަޒަރުގައި އެންމެ މޮޅު ކްލަބު. އަދި މެސީއަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ. އަހަރެން މެސީއާއިއެކު ކުޅެން ފަޚުރުވެރިވާނަން." ސަންޗޭޒް ބުންޏެވެ.

ސަންޗޭޒްއަކީ އަންނަ ސީޒަނަށް ބާސެލޯނާއާއި ގުޅުނު ފުރަތަމަ ކުޅުންތެރިޔާއެވެ.

ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން ސަންޗޭޒް ހޯދުމަށް މަސައްކަތްކުރިނަމަވެސް އެކްލަބްތަކަށް ބާސެލޯނާގެ މައްޗަށް ސަންޗޭޒް ހޯދުމުގައި ކުރި ހޯދިފައެއް ނުވެއެވެ.