22 Aug 2017, 12:12
ބާސެލޯނާ(އޮގަސްޓް 22): ސްޕެއިންގެ ބާސެލޯނާގައި މިދިޔަ ބުރާސްފަތި ދުވަހު ޓެރަރިސްޓު ހަމަލާއެއް ދިން ޔޫނުސް އަބޫޔައުގޫބުގެ ގަޔަށް ބަޑި ޖަހައި މަރާލައިފި އެވެ.
ސްޕެއިންގެ ފުލުހުން ދިން ހަމަލާއެއްގައި މަރާލި އަބޫޔައުގޫބު ވަނީ ބާސެލޯނާގެ ލަސް ރަމްބްލަސްގެ މަގުމަތިން ހިނގާފައި ދިޔަ 13 މީހެއްގެ ގައިގައި ވޭނަކުން ޖައްސައި، އެމީހުން މަރާލާފައެވެ. އެހާދިސާގައި އިތުރު 100 މީހަކަށް އަނިޔާވި އެވެ.
އެހަމަލާއާ ގުޅިގެން އަބޫޔައުގޫބު ހޯދަމުން ދަނިކޮށް ފުލުހުންނަށް އޭނާ ފެނުނީ ޕެޓްރޯލް ސްޓޭޝަނެއްގެ މުވައްޒަފަކު ދިން މައުލޫމާތުގެ ސަބަބުންނެވެ. ފުލުހުން ބުނި ގޮތުގައި ފޭކު ގޮވާތަކެތި ހަރުކޮށްފައިވާ ބެލްޓެއް އަޅައިގެން ހުރި އަބޫޔައުގޫބު ފެނުނީ މޭބިސްކަދުރު އިންދާ ދަނޑަކުންނެވެ.
ސްޕެއިން ފުލުހުން އަބޫޔައުގޫބު ހޯދުމުގެ ކުރިން ބުނި ގޮތުގައި، ބުރާސްފަތި ދުވަހުގެ ހަމަލާއަށް ފަހު އޭނާ ފިލީ ފައިމަގުންނެވެ. އަދި އޭގެ ފަހުން އޭނާ ވަނީ ކާރެއް ދުއްވާފައި ދިޔަ މީހަކަށް ވަޅިން ހަމަލާދީ މަރާލުމަށް ފަހު، އެކާރުގައި ފިލައިފައެވެ.
ފުލުހުން މީގެ ކުރިން ލަފާ ކުރި ގޮތުގައި ލަސް ރަމްބްލަސްގައި ދިން ހަމަލާއަކީ މޮރޮކޯގެ ރައްޔިތެއް ކަމަށްވާ މޫސާ އުކާބިރު ދިން ހަމަލާއެކެވެ. ނަމަވެސް ބާސެލޯނާގައި ހަމަލާ ދިންތާ މާގިނަ އިރުތަކެއް ނުވެ ކެމްބްރިލްސް ކިޔާ ޓައުނެއްގައި ދިން ހަމަލާގައި އޭނާ ބައިވެރިވެފައިވެއެވެ. އަދި ފުލުހުން ވަނީ އޭނާއާ އެކު އެހަމަލާގައި ބައިވެރިވި ހަތަރު މީހުންގެ ގަޔަށް ބަޑި ޖަހައި މަރާލައިފަައެވެ.
ކެމްބްރިލްސްގައި ދިން ހަމަލާގައި އެކަކު މަރުވެ ހަ މީހަކަށް އަނިޔާވި އެވެ. އަދި އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ އެހަމަލާ އާއި ލަސް ރަމްބްލަސްގައި ދިން ހަމަލާގެ ޒިންމާ ނަގައިފައެވެ. (ބީބީސީ)