24 Jul 2011, 18:37
އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ އެކުވެރިކަމުގެ މެޗްތަކެއް ރޭ ކުރިއަށް ގެންގޮސްފި އެވެ.
އާސެނަލް ކޮލޯންގެ މައްޗަށް ކުރި ހޯދުމުގައި އެޓީމާއި އަލަށް ގުޅުނު އައިވަރީ ކޯސްޓް ފޯވާޑްގެ ދެލަނޑު މިމެޗްގައި ފާހަގަކޮށްލެވެ އެވެ. ޖާވީނިއޯ ލަނޑުތައް ޖަހާފައިވަނީ ފުރަތަމަ 15 މިނެޓް ތެރޭގައެވެ.
ފްރާންސް ލީގު ޗެމްޕިއަން ލިލޭއިން އާސެނަލްއަސް ބަދަލުވި ފޯވާޑް ޖާރވީނިއޯގެ ފުރަތަމަ ލަނޑު ފެނުނީ މެޗްގެ ހަތް ވަނަ މިނެޓްގައެވެ. އަދި އޭގެ އަށް މިނެޓްފަހުން އައިވަރީ ކޯސްޓް ފޯވާޑްވަނީ އިތުރު ލަނޑެއްޖަހައި އާސެނަލްއަށް ލީޑް ފުޅާކޮށްދީފަ އެވެ.
މިމެޗްގައި ކޮލޯންއިންޖެހި ހަމައެކަނި ލަނޑަކީ އާސެނަލްގެ ކާލް ޖެކިންގްސަންއަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ޖާރވީނިއޯގެ ދެލަނޑުގެ ސަބަބުން ބޮޑެތި ކްލަބްތަކުން އާސެނަލާއި އަލަށް ގުޅުނު ފޯވަޑް ހުއްޓުވުމަށް މިވަނީ އިސްކަމެއް ދޭންޖެހިފައެވެ.
ރޭ އެންމެ ހައިރާންކުރަނިވި ނަތީޖާއަކަށް ފެނިގެންދިޔައީ ލިވަރޕޫލްގެ މައްޗަށް 3-0 ން ހަލްސިޓީ ކުރި ހޯދި މެޗެވެ. ލިވަރޕޫލްއާއި އަލަށް ގުޅުނު ތިންކުޅުންތެރިންކަމަށްވާ ސްޓިވާޓް ޑައުނިންގް، ޖޯޑަން ހެންޑަސަން އަދި ކީޕަރު އެލެކްޒެންޑަރ ޑޯނީ މިމެޗްގައި ފެނުނު ނަމަވެސް އެކުޅުންތެރިންގެ ފަރާތުން މާއެދެވޭ ކުޅުމެއް ނުފެނެއެވެ. މިމެޗްގައި ހަލް ސިޓީއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ރޮބީ ބްރެޑީ، ރޮބާޓް ކޮރެން އަދި ޖޭ ސިމްޕްސަން އެވެ.
އޮރްލޭންޑޯ ޕައިރޭޓްސްއާއި ދެކޮޅަށް ޓޮޓެންހަމް ކުޅުނު މެޗް 3-0 ން ޓޮޓެންހަމްވަނީ ކާމިޔާބުކޮށްފައެވެ. ސައުތު އެފްރިކާގައި ކުޅުނު މިމެޗްގައި ޓޮޓެންހަމްއިން ކާމިޔާބުކުރި ތިންލަނޑުން ދެލަނޑު ކާމިޔާބުކޮށްދިނީ ހޮލެންޑް ތަރި ރަފެއަލް ވެންޑަ ވާރޓްއެވެ.
ފުރަތަމަ ލަނޑު މެޗްގެ 35 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން ވެންޑަ ވާރޓް ކާމިޔާބުކޮށް މެޗްގެ ފުރަތަމަ ހާފް އެލަނޑާއިއެކު ކުރީގައި އޮވެގެން ޓޮޓެންހަމް ނިންމާލިއެވެ. ދެވަނަ ލަނޑު ވެންޑަ ވާރޓް ކާމިޔާބުކުރީ މެޗްގެ 53 ވަނަ މިނެޓްގައެވެ. ޓޮޓެންހަމްގެ ފަހުލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިނގިރޭސި ފޯވާޑް ޖާމެއިން ޑެފޯއެވެ.
ސްޕެއިންގެ ގަދަ ދެބާރުންގެ ތެރެއިން ޗެމްޕިއަން ބާސެލޯނާ ކޮރެއޭޝިޔާގެ ހެޖަކް ސްޕްލިޓް އަތުން އެއްވަރުވިއިރު ރެއާލް މެޑްރިޑްވަނީ ފިލަޑެލްފިއާގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ރޭ ކުރިހޯދައިފަ އެވެ.