ސަލްޓަން ޕާކުގެ ނަން ބަދަލުކޮށް މިރޭ ހުޅުވުމަށްފަހު އެތަނަށް ބިދޭސީން ވަންނަން ބޭނުން ނަމަ އެ ފަރާތްތަކުގެ އަތުން ފީއެއް ނަގަން ސަރުކާރުން ނިންމައިފިއެވެ.

"ރަސްރަނި ބަގީޗާ" ހުޅުވުމަށް މިރޭ ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެތަނަށް ބިދޭސީންނަށް ވަދެވޭނީ ޓިކެޓު ގަނެގެން ކަމަށާއި ދިވެހިންނަށް އެއްވެސް އަގަކާ ނުލައި ވަދެވޭނެ ކަމަށެވެ. އަދި އެތަން ހުޅުވުމަށް ގިނަ ލައިޓްތަކާއި ސާމާނު ބޭނުންކޮށްފައި ހުރުމުން، އެތަކެތި ނަގަން ދެތިން ދުވަސް ނަގާނެތީ ބަގީޗާ އާއްމުންނަށް ހުޅުވާލާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހުކުރު ދުވަހު އާންމުންނަށް ބަގީޗާ ހުޅުވާލާއިރު ހޮނިހިރު ދުވަހު އެތަނުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ބާއްވާ ކުޑަކުދިންގެ ހަވީރެއް އޮންނާނެ ކަމަށް ވެސް މިނިސްޓަރު މިރޭ ވިދާޅުވިއެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވި ގޮތުގައި އެތަނުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި އެނާޖީ ޑްރިން ފަދަތަކެއް ބޭނުން ކުރުމަކީ މަނާ ކަމެކެވެ. އަދި އެތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި 24 ގަޑިއިރު ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސަލްޓަން ޕާކު، ރަސްރަނި ބަގީޗާގެ ނަމަށް ބަދަލުކޮށްފައި--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަސްރަނި ބަގީޗާ ހުޅުވާނީ ކޮންމެ ދުވަހެއްގެ ހެނދުނު 6:00 އިން ރޭގަނޑު 12:00 އަށެވެ. ހުކުރު ދުވަހު އެތަން ހުޅުވާފައި ހުންނާނީ މެންދުރު ފަހު 2:00 އިން 11:00 އަށެވެ.

އެތަނުގައި ބިއްލޫރި ޓްރީ ހައުސްއަކާއި ދެ ބުރިއަށް ހަދާފައި ހުރި ފެންއަރުވާ ވަޑާމެއް ހުރެއެވެ. ބިއްލޫރި ޓްރީ ހައުސްއަށް ކިޔަނީ "ރަސްރަނި ވިއު"އެވެ. އެތަނުގެ ތިރީ ބައި ޚާއްސަކުރެވިފައި ވަނީ ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ)ން ހިންގާ ކުރެހުމުގެ ހަރަކާތްތަކަށެވެ. އަދި މަތީ ބައިގައި ހުންނަނީ އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ގޮތަށް، ކުދިންނަށް ބޭނުންވާ މައުލޫމާތު ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ދެ ކްލާސްރޫމެވެ.

އެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވީ އެ ބަގީޗާއަކީ ސަރުކާރުގެ ފަރާތުން ކުޑަކުދިންނާއި ޒުވާނުންނަށް ދެއްވި ހަދިޔާއެއް ކަމަށެވެ. އަދި އެތަނުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިއްޕެވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.