ފަނޑިޔާރުންގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ހުރަސްއެޅުމަށް މަސައްކަތް ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.

ޑީޖޭއޭއިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންނަށް ނިސްބަތްކޮށް ތަފާތު ގޮތްގޮތަށް ހަގީގަތާ ޚިލާފު ވާހަކަތައް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އެކި ފަރާތްތަކުން ފަތުރަމުން ގެންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، ކޯޓުތަކުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ހިނގާ ކަންކަމުގައި ގާނޫނާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރޭގައި ހުރިހާ އެންމެންގެ ބަސްމަގު ބެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މީގެ ކުރިން ވެސް ޝަރީއަތަށް ނުފޫޒު ފޯރުވުމުގެ އެންމެގައި އަމަލުތަކުން އެއްކިބާވެ ތިބުމަށް ތަކުރާރުކޮށް އަންގަމުން ދިޔަ ކަމަށް ޑީޖޭއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. އެހެން ނަމަވެސް ޝަރީއަތަށް ނުފޫޒު ފޯރުވޭގޮތަށް ނުވަތަ އެފަދަ ނިޔަތެއްގައި ޝަރީއަތާ ގުޅޭ ކަންކަމުގައި ބަޔާންތައް ދިނުމާއި މީޑިއާގައި އެ ޝާއިއުކުރަމުންދާ ކަން ފާހަކަ ކުރެވިފައިވާ ކަމަށާއި، އެކަންކަމަކީ މަނާކަމެއް ކަމަށާއި، އަދި އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް ތަކުރާރުކޮށް އަންގާ ކަމަށެވެ.

އޭގެ އިތުރުން އެފަދަ އަމަލެއް ކުރި ފަރާތަކީ ގާނޫނީ ވަކީލެއް ކަމުގައިވާނަމަ އެފަރާތެއްގެ ވަކާލާތު ކުރުމުގެ ހުއްދަ ވަކި މުއްދަތަކަށް ނުވަތަ ދާއިމީކޮށް ބާތިލު ކުރާނެ ކަމަށެވެ.

އެ ބަޔާނުގައި، އަދުލު އިންސާފު ގާއިމް ކުރުމަކީ ރާއްޖޭގެ ކޯޓުތަކުގެ ދުސްތޫރީ މަސްއޫލިއްޔަތެއްކަމަށާއި، އަދި އެކަމަކީ ހަމައެކަނި ޝަރުއީ ދާއިރާއަށް ހާއްސަކުރެވިގެންވާ ޒިންމާއެއް ކަމަށް ގާނޫނު އަސާސީގައި ޞަރީހަ ބަހުން ބަޔާންކޮށްފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

އޭގެ އިތުރުން ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަނެކުންނާއި މުޖުތަމައުގެ ހައްގުތަކަށް އިހްތިރާމް ކުރާ ބިނާ ކުރަނިވި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ރާއްޖޭގައި ތަރައްގީކޮށް ނެގެހެއްޓުމަށްޓަކައި ގާނޫނީ ގޮތުން އުފުލަންޖެހޭ މަސްއޫލިއްޔަތުތާއި ޒިންމާ ޝަރުއީ ދާއިރާއިން އުފުލަމުން ގެންދާނެ ކަމަަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.