ޑީއާރުޕީގެ އަހަރީ ދުވަހާ ދިމާކޮށް ޒެޑް ޑީއާރުޕީން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް މާލޭގައި ފަށައިފި އެވެ.

މައުމޫންގެ ތަރުޖަމާން މުހަންމަދު ހުސެން ޝަރީފް (މުންދު) މިއަދު ވިދާޅުވީ މިއަދު ހެނދުނު ނުވަޔަކުން ފެށިގެން މިރޭގެ ނުވައެއް ޖަހަންދެން ކުރިއަށް ގެންދާ އެ ކޭމްޕަކީ ރޯދަމަހާ ދިމާކޮށް ލޭ ލިބުން ދަތިވާނެތީ އާއި އަދި ޑެންގީ ހުމުގައި ވެސް ލޭ ބޭނުންވާ މިންވަރު އިތުރުވެފައި ވާތީ އެކަމަށް އެހީތެރިވުމުގެ ގޮތުން ކުރިއަށްގެންދާ ކޭމްޕެއް ކަމަށެވެ.

"މިއީ އިޖުތިމާއީ ކަމެއް. އެއްގޮތަކަށް ވެސް ސިޔާސީ ކަމެއް ނޫން. ކޮންމެ ބޭފުޅަކު ވެސް މިކޮޅަށް ވަޑައިގެން ލޭ ދެއްވަންވީ،" މުންދު ވިދާޅުވި އެވެ.

ޑީއާރުޕީގެ ޒުވާނުންގެ ގޮފިން އިސްނަގައިގެން ކުރިއަށްގެންދާ ބުލަޑް ކޭމްޕް ކުރިއަށް ދަނީ މިހާރުގެ ނޭޝަނަލް ބުލަޑް ޓްރާންސްފިއުޝަން (އެންބީޓީއެސް) ނޫނީ ކުރީގެ ތެލަސީމިޔާ ސެންޓަރުގަ އެވެ.

އެ ކޭމްޕް ފައްޓަވައި ދެއްވީ މައުމޫންގެ ހަގު ދަރިކަލުން ޣައްސާން މައުމޫން އެވެ.

މުންދު ވިދާޅުވީ ޒެޑް ޑީއާރުޕީގެ އަމާޒަކީ އެ ކޭމްޕަށް 300 ކައެއްހާ މީހުން ޒިޔާރަތްކޮށް ލޭ ހަދިޔާ ކުރުން ކަމަށެވެ. ނަމަވެސް މިއަދު ލޭ ހަދިޔާ ކުރީ ކިތައް މީހުން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ޑީއާރުޕީއަށް ހަ އަހަރު ފުރުނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.