21 Aug 2017, 19:44
އެމެރިކާގެ މަޝްހޫރު މާސް މީޑިއާ،އާޓްސް އެންޑް އެންޓަޓެއިންމަންޓް(އޭއެންޑްއީ) ނެޓްވޯކާ ގުޅިގެން ދިރާގު ޓީވީއަށް މުޅިން އާ ފަސް ޗެނަލެއް ތައާރަފްކޮށްފިއެވެ.
މިއަދު ހަވީރު ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ހަފްލާއެއްގައި އެ ޗެނަލްތައް ތައާރަފްކޮށްދެއްވީ، ދިރާގުގެ ސީއީއޯ އިސްމާއީލް ރަޝީދާއި އޭއެންޑްއީގެ އޭޝިއާ ޕެސިފިކްގެ މެނޭޖިންގ ޑިރެކްޓަރ ޕްރޭމް ކަމަތުއެވެ.
އޭއެންޑްއީ އަކީ، ހާރސްޓް ކޮމިއުނިކޭޝަންސްއާއި ޑިޒްނީ އޭބީސީ ޓެލެވިޜަން ގްރޫޕްގެ ޖޮއިންޓް ވެންޗަރއެކެވެ.
ދިރާގު ޓީވީއަށް މިއަދު މުޅިން އަލަށް ތައާރަފް ކުރި ފަސް ޗެނަލަކީ، އޭއެންޑްއީގެ އެންޓަޓެއިންމެންޓް ބްރޭންޑްތައް ކަމަށްވާ، ހިސްޓްރީ، ލައިފްޓައިމް، އެފްވައިއައި، ކްރައިމް އެންޑް އިންވެސްޓިގޭޝަން އަދި ހިސްޓްރީ-2 އެވެ.

ދިރާގުގެ ޑައިރެކްޓަރ ބިޒްނަސް ޑިވެލޮޕްމަންޓް އަހްމަދު މައުމޫން -- ސަން ފޮޓޯ: ފަޔާޒް މޫސާ
ތަފާތު އެވޯޑްތައް ހޯދާފައިވާ ޝޯތައް ގެނެސްދެމުންދާ، މި ހުރިހާ ޗެނަލްތަކެއް ވެސް ދިރާގު ޓީވީން ހައިޑެފިނިޝަން ކޮލިޓީގައި ބްރޯޑްކާސްޓް ކުރާނެއެވެ.
ދިރާގުގެ ޑައިރެކްޓަރ ބިޒްނަސް ޑިވެލޮޕްމަންޓް އަހްމަދު މައުމޫން ވިދާޅުވީ، އެ ކުންފުނިން މިފަދަ ކާމިޔާބު ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ފަހަތުގައި ތިބީ ކުންފުނީގެ ކަސްޓަމަރުން ކަމަށެވެ. އެހެންކަމުން ކަސްޓަމަރުންނަށް ވަރަށް ބޮޑު ޝުކުރެއް އަދާކުރާ ކަމަށާއި، އަދި އަލަށް މިގެނެސްދިން ޗެނަލްތަކަކީ ދިރާގު ޓީވީ ބައްލަވާ ފަރާތްތަކަށް ވަރަށް ކަމުދާނޭ ޗެނަލްތަކަކަށް ވާނޭކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭއެންޑްއީގެ އޭޝިއާ ޕެސިފިކްގެ މެނޭޖިންގ ޑިރެކްޓަރ ޕްރޭމް ކަމަތު -- ސަން ފޮޓޯ: ފަޔާޒް މޫސާ
އޭއެންޑްއީގެ އޭޝިއާ ޕެސިފިކްގެ މެނޭޖިންގ ޑިރެކްޓަރ ޕްރޭމް ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެ ނެޓްވޯކްގެ ޗެނަލްތައް ދިރާގާ ގުޅިގެން ރާއްޖެއަށް ފޯރުކޮށްދެވުމަކީ ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމެއް ކަމަށެވެ.
އެގޮތުން އޭއެންޑްއީގެ ޗެނަލްތައް މެދުވެރިކޮށް މުނިފޫހި ފިލުވުމާއި އަދި އެނޫންވެސް ތަފާތު، ފެންވަރު ރަނގަޅު ޕްރޮގްރާމްތައް ދިވެހީންނާ ހަމައަށް ފޯރުކޮށްދިނުމަށް މުސްތަގުބަލުގައި ވެސް ދިރާގާއެކު ކުރިއަށް ދާނޭ ކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ދިރާގު ޓީވީއަށް އަލަށް ތައާރަފްކުރި އޭއެންޑްއީ ނެޓްވޯކްސްގެ ޗެނަލްތަކަކީ، ވާދަވެރި ޗެނަލްތަކާ އަޅައިބަލާއިރު، މިހާރުވެސް ތައިލެންޑް، ސިންގަޕޫރު ފިލިޕީންސް އަދި މެލޭޝީއާ ފަދަ ގައުމުތަކުގައި، ބެލުންތެރީންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޗެނަލްތަކެވެ.

އޭއެންޑްއީ އާ ދިރާގު ގުޅިގެން ދިރާގު ޓީވީއަށް މިއަދު ވަނީ މުޅިން އާ ފަސް ޗެނަލް ތައާރަފްކޮށްފައި -- ސަން ފޮޓޯ: ފަޔާޒް މޫސާ
މުޅިރާއްޖެއަށް ދިރާގު ޓީވީގެ ޚިދުމަތް ފުޅާކޮށްފައި ވާއިރު، މިހާރު ވެސް 60 އަށް ވުރެ ގިނަ ޗެނަލް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދެ އެވެ. ކައިރި މުސްތަގުބަލެއްގައި އަދިވެސް އިތުރު ޗެނަލްތައް ދިރާގު ޓީވީ މެދުވެރިކޮށް ބެލުންތެރީންނާ ހަމައަށް ފޯރުކޮށްދޭނޭ ކަމަށް ދިރާގުން ބުނެއެވެ.