22 Aug 2017, 18:09
އިންސާނީ އެހީ ފޯރުކޮށްދޭ އަލްޖީރިޔާގެ ޖަމިއްޔާއަކަށް މިސްރާ ގާޒާއާ ގުޅޭ ރަފާ ބޯޑަރު ހުރަސްކޮށް ގާޒާއަށް ވަނުމަށް މިސްރުން ހުރަސް އަޅައިފި ކަމަށް ފަލަސްތީނުގެ އެންޖީއޯއަކުން ބުނެފިއެވެ.
ފަލަސްތީނުގެ އެންޖީއޯއިން ބުނި ގޮތުގައި އަލްޖީރިއާގެ އެހީދޭ ވެހިކަލްތައް ގާޒާއަށް ވަނުމަށް ހުރަސް އެޅިއިރު އެބޯޑަރު ހުރަސްކުރުމަށް ނަގަންޖެހޭ ހުރިހާ ހުއްދަތަކެއް ވަނީ ނަގައިފަ އެވެ. އަދި ގާޒާއަށް ވަނުމަށް މިސްރުން ދެކޮޅުހެދުމުގެ ސަބަބުން މިހާރު އެވެހިކަލްތައް އަނބުރާ އަލްޖީރިއާ އަށް ދިޔުމަށް މިސްރާބު ޖަހައިފައިވާ ކަމަށް ވެސް ފަލަސްތީނުގެ އެންޖީއޯއިން ބުންޏެވެ.
އަލްޖީރިއާގެ އެ ވެހިކަލްތަކުގައި ބޭހާއި ސިއްހީ ފަރުވާ ދިނުމަށް ބޭނުން ކުރާ އާލަތްތަކާއި ކަރަންޓް ދިނުމަށް ބޭނުން ކުރާ ޖަނެރޭޓަރުތަކާއި އަދި ގާޒާ އަށް ކޮންމެހެން ބޭނުންވާ ތަކެތި އޭގައި ހުއްޓެވެ.
ފަސް މަސް ދުވަަހަށް ބަންދުކޮށްފައި ރަފާ ބޯޑަރު އޮތުމަށްފަހު ފަސް ދުވަހު މުއްދަތަށް އެ ބޯޑަރު ހުޅުވައިލައިފައި ވަނީ އޮގަސްޓް 14 ވަނަ ދުވަހުއެވެ. ނަމަވެސް ބޯޑަރު ހުޅުވިތާ ހަތަރު ވަނަ ދުވަހު ވަނީ ކުރިން އެންގުމެއް ނެތި ކުއްލިއަކަށް ބޯޑަރު އަނެއްކާ ވެސް ވަނީ ބަންދުކޮށްފަ އެވެ.
ރަފާ ބޯޑަރަކީ ގާޒާގެ ގިނަބަޔަކު އެއްތަނުން އަނެއްތަނަށް ދިޔުމަށާއި އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި އެތެރެ ކުރުމަށް ބޭނުންކުރާ ބޯޑަރެވެ. ދެހާސްތޭރަ ވަނަ އަހަރު މިސްރުގެ ބޮޑުވަޒީރު ކަމަށް އަބްދުލް ފައްތާހު އަލް ސީސީ ވަޑައިގެންނެވުމަށްފަހު އެ ބޯޑަރު ދޭތެރެ ދޭތެރެއިން ކުޑަ ދުވަސްކޮޅަކަށް ހުޅުވައިލައިފައި އޮތް ނަމަވެސް ގިނައިން އޮންނަނީ ބަންދުކޮށްފައެވެ.