21 Aug 2017, 19:22
ސިންގަޕޫރު ކުންފުންޏަކުން ހުޅުމާލެއިން ހިލަ އާއި ހިލަވެލިމި ހާރަށްވުރެ ހެޔޮ އަގުގައި ވިއްކަން ފަށައިފިއެވެ.
މިއަދު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގަ ހިލަ އަދި ހިލަވެލި ރައްކާކޮށްފައިވާ ސަރަހައްދުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ސިންގަޕޫރު ކުންފުންޏަކުން، ހުޅުމާލޭއަށް ޖަމާކޮށްފައިވާ ހިލަ އާއި ހިލަވެލިން ކުރިއަށް އޮތް ތިން މަސް ދުވަސް ވަންދެން މުޅި ރާއްޖެއަށް ފޯރުކޮށްދެވޭނެ ކަމަށެވެ.
ސިންގަޕޫރު ކުންފުނިން ހުޅުމާލެއަށް ޖަމާކޮށްފައިވާ ހިލަ އާއި ހިލަވެއްޔަކީ މެލޭޝިއާ، ކެމްބޯޑިއާ އަދި ވިއެޓްނާމުން ގެނެސްފައިވާ އެއްޗެއްސެވެ.
ހުޅުމާލެ ދެ ވަނަ ފިޔަވައްސަށް ޖަމާކޮށްފައިވާ ހިލަ އާއި ހިލަވެލި -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
ހުޅުމާލޭގައި ހިލަ އާއި ހިލަވެލި ވިއްކަމުންދާ ސިންގަޕޫރު ކުންފުނީގެ ނަމެއް އަދި އަގުތަކުގެ ތަފްސީލެއް ވެސް އިކޮނަމިކް މިނިސްޓަރު ހާމައެއް ނުކޮށްދެއްވި އެވެ. އެކަމުގެ ތަފްސީލު އެދުމުން ވެސް ތަފްސީލެއް ނުދެއްވި އެވެ.
ހުޅުމާލޭގައި ހިލަ އާއި ހިލަވެލި ރައްކާކޮށް ވިއްކުމަށްޓަކައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އިމިގްރޭޝަންގެ އެއްބާރުލުން ލިބެމުންދާތީ އެކަމަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.
ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާ ކުރިއަރާ ފުޅާވަމުންދާއިރު އެކަންކަން ކުރިއަށް ގެއްދިއުމަށް ބޭނުންވާ ތަކެތި ފަސޭހަކޮށް ލިބެން ހުރުން އެއީ މުހިއްމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރާ ބޭފުޅުންގެ ވެސް އެދުމަކީ އެކަމަށް ބޭނުންވާ ތަކެތި ހުސްނުވާ ގޮތެއްގައި ލިބެން ހުރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިލަ، ހިލަވެލި ވިއްކުމާބެހެ ގޮތުން މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ/ޖަޒްލާން
"މި ވިޔަފާރި މިވަނީ ވަރަށް ބޮޑަށް ހުޅުވާލާފައި. އެއް ކުންފުންޏަށް ވުރެ ގިނަ ކުންފުންޏަށް ވެސް މިކަން ކުރެވިދާނެ. ގިނަ ފަރާތްތަކަކުން މިކަން ކުރުމަކީ އަގު ހެޔޮވެގެންދާނެ ކަމެއް. ޝަރުތަކީ ހަމަ ތިން މަސް ދުވަހުގެ ސްޓޮކް ގެނައުން އަދި މިހާރު ލިބެން ހުރިވަރަށްވުރެ އަގު ބޮޑު ނުވުން،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ކޮންސްޓްރަކްޝަން މެޓީރިއަލް ޖަމާކޮށް ވިއްކުން އެއީ ދެތިން އަހަރަކަށް ވަގުތީ އިންތިޒާމެއްގެ ދަށުން ކުރިއަށް ގެންދާ ކަމެއް ކަމުގައެވެ.