އަލްޖީރިއާގެ އެތައް ސަތޭކަ ބަޔަކު ރަން ހޯދުމުގެ ނިޔަތުގައި އެގައުމުގެ އަވަށެއް ކަމަށްވާ ދުޖާނަތު ކޮނުމަށް ޖަމާވަމުން އެބަދެއެވެ. އެ މީހުން އެ އަވަށަށް ޖަމާވަމުން ދަނީ އެ އަވަށުގެ ބޯޑަރު ކައިރިން ބަޔަކަށް ރަންތަކެއް ފެނުމާ ގުޅިގެންނެވެ.

ރަން ހޯދުމަށްޓަކައި އެ އަވަށަށް ޖަމާވަމުން ދަނީ އަލްޖީރިއާގެ ވަޒީފާ ނެތް ގިނަ ޒުވާނުންނެވެ.

ރަން ހޯދުމަށްޓަކައި ރޭގަނޑު ވެސް އެ ހިސާބުގެ ބިންގަނޑު ކޮންނަމުންދާ ގިނަމީހުންގެ އަތުގައި މާގިނަ ވަސީލަތްތަކެއް ނެތް ކަމުގައި ވިޔަސް މޮބައިލް ފޯނު ފަދަ ތަކެތީގެ އެހީގައި އަލިކޮށްގެން އެމީހުން ދަނީ ކޮންނަމުންނެވެ.

ދުޖާނަތާ ކައިރި ސަރަހައްދެއް ކަމަށްވާ ތަމަންތަސަތު އިން މީގެ ކުރިން ރަންކަމަށް ބެލެވޭ އެއްޗެހިތަކެއް ފެނުނުކަމުގައި ވިޔަސް އަދިވެސް އެއީ ސީދާ ރަންކަމަށް ޔަގީން ކުރެވިފައެއް ނުވެއެވެ. އަލްޖީރިއާގެ ތަމަންތަސަރު އަދި އިލިޒީ ސަރަހައްދަކީ މީގެ ކުރިން އަލްޖީރިއާގައި ރަން ނަގައި އުޅުނު ދެ ސަރަހައްދެވެ.

އަލްޖީރިއާގެ އަވަށްޓެރި ގައުމުތަކުންވެސް ރަން ހޯދުމަށްޓަކައި އަލްޖީރިއާއަށް ގޮސްއުޅެއެވެ. އޭގެތެރެއިން އެތައް ބަޔަކު ގަވާއިދާ ހިލާފަށް އެގައުމަށް ވަނުމުގެ ސަބަބުން އެގައުމުގެ ސަލާމަތީ ބާރުތަކުން ދަނީ އެގޮތަށް ވަންނަ ފަރާތްތަށް ހައްޔަރުކުރަމުންނެވެ. އެގޮތަށް ދަތުރުކޮށް އުޅޭ ބައެއް މީހުން، ރަން ހޯދުމަށް ބޭނުންކުރާ މެޓަލް ޑިޓެކްޓަރުތައް ވެސް ގެންގުޅެއެވެ.