24 Jul 2011, 17:13
ރަށް ކުނި ކެހި އުޖޫރައިގެ ގޮތުގައި ސަރުކާރުން ދޭން ޖެހޭ 85000 ރުފިޔާ ހޯދުމަށް ހއ. މޮޅަދޫ އަންހެނުން މިއަދު ކައުންސިލު އިދާރާ އަށް އެއްވެއްޖެ އެވެ.
އާބާދީގައި 374 މީހުން ދިރިއުޅޭ މޮޅަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝިޔާމް މިއަދު ވިދާޅުވީ ކައުންސިލް ބަންދު ކުރާ ވަގުތަށް ކައުންސިލް އިދާރާ އަށް އަންހެނުން އެއްވީ ރަށް ކުނިކަހައިގެން ފަސް މަސް ދުވަހަށް ދޭން ޖެހޭ 85000 ވަރަކަށް ރުފިޔާ ހޯދުމަށް ކަމަށެވެ.
ޝިޔާމް ވިދާޅުވީ ފަސް މަސް ދުވަހުގެ ފައިސާ އަންހެނުންނަށް ނުދެވިގެން އުޅެނީ ސަރުކާރުން އެ ފައިސާ އަދި ފޮނުވާފައި ނުވާތީ ކަމަށެވެ.
"އެ ފައިސާ އަޅުގަނޑުމެންނަކަށް ނުލިބޭ. ކޮންމެ ބައްދަލުވުމެއްގައި ކަހަލަ ގޮތަކަށް އެބޭފުޅުންނަށް ލިޔުންތަކާއި އެއްޗިހި ދައްކަން. އަޅުގަނޑުމެން އެ ފައިސާ ހޯދަން ކުރާ މަސައްކަތް ދައްކަން. އެކަމަކު އެބޭފުޅުން ގަބޫލެއް ނުކުރޭ. އަޅުގަނޑުމެން އަތުގައި ނެތް އެއްޗެއް ނުދެވޭނެ ދެއްތޯ،" ޝިޔާމް ވިދާޅުވި އެވެ.
އެ ފައިސާ ހޯދުމަށް މިހާރު އެތައް ފަހަރެއްގެ މަތިން އަތޮޅު ކައުންސިލާއި އަދި ގައުމީ އިދާރާ މެދުވެރިކޮށް ފިނޭންސަށް އެންގިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި މަހު ވެސް ދެ ފަހަރަށް ނޯޓިސް ފޮނުވިން. އެކަމަކު އަދި އިޖާބައެއް ނުލިބޭ،" ޝިޔާމް ވިދާޅުވި އެވެ.
މޮޅަދޫ ކައުންސިލްގެ އިދާރާ އަށް އެ ރަށު އަންހެނުން އެއްވެފައި މިވަނީ އަންހެނުން ނުކުމެ މާޅެންދޫ ކައުންސިލް އިދާރާ ބަންދު ކުރިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ. މީގެ ކުރިން ވަނީ ލ. އިސްދޫ ކަލައިދޫ ކައުންސިލް އިދާރާ އާއި އަދި ލަންދޫ ކައުންސިލުން އިދާރާ ވެސް ކުނި ކެހި ފައިސާ ނުދިން މައްސަލައިގާ ބަންދު ކުރި އެވެ.