21 Aug 2017, 11:39
ލ. ގަމުގައި ގަވާއިދާ ޚިލާފަށް ޗެނަލްތައް ރީބްރޯޑްކާސްޓްކޮށް ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހިދުމަތް ދެމުންދާ ކަމަށް ބުނެ ކުންފުންޏެއް 296،000 ރ. އިން ޖޫރިމަނާކޮށްފިއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށެހެޅިފައިވާ ޝަކުވާއަކާ ގުޅިގެން މައްސަލަ ބަލައި ޖޫރިމަނާކޮށްފައިވަނީ ޕިކްސަލް ވިޝަން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏެކެވެ.
ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅި ސަކުވާ ނިންމި ގޮތުގެ ބަޔާނުގައި ބުނެފައިވަނީ ގާނޫނާ ގަވާއިދާ އެއްގޮތަށް ލ. ގަމުގައި ކޭބަލް ޓީވީގެ ޚިދުމަތް ދިނުމުގެ ބާރު ލިބިގެންވަނީ މީޑިއާނެޓާ ގުޅިގެން ހާލި އިންވެސްޓްމަންޓަށް ކަމަށެވެ. އަދި ވިޝަން ޕްރައިވެޓް ލިމިޓެޑަށް ދެއްކުމުގެ ހުއްދަ އޮންނަނީ ޖުމްލަ އަށް ޗެނަލަށް ވީ ނަމަވެސް އެކުންފުނިން 148 ޗެނަލް ރީބްރޯޑްކާސްޓް ކުރަމުންދާ ކަމަށް ގަމު ކައުންސިލުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
އެ މައްސަލައަށް ޖަވާބުދާރީ ވުމަށް ވިޝަން ޕްރައިވެޓް ލިމިޓެޑަށް ދިން ފުރުސަތުގައި އެ ފަރާތުން ޖަވާބުދާރީ ވެފައިނުވާކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެއެވެ.
ވިޝަން ޕްރައިވެޓް ލިމިޓެޑުން ޖަވާބުދާރީވެފައި ނުވާތީ ބްރޯޑްކާސިޓިން ކޮމިޝަނުން ނިންމީ ރައިޓްސް ނެތް ޗެނަލްތަކެއް ގަމުގައި ދެއްކި ކަން ސާބިތުވެފައިވާކަމަށް ނިންމައި ދެއްކި ކޮންމެ ޗެނަލަކަށް ދެހާސް ރުފިޔާގެ ރޭޓުން، 148 ޗެނަލް ދައްކާފައިވުމުން 296،000 އިން އެ ކުންފުނި ޖޫރިމަނާކުރުމަށެވެ. ފައިސާ ދެއްކުމަށް އެކުންފުންޏަށް ދީފައިވަނީ އެއް މަސްދުވަހުގެ މުއްދަތެކެވެ.