ތެހެރާން : (ޖުލައި 24 ) : ގޮތްނޭންގޭ ބަޔަކު ދިން ބަޑީގެ ޙަމަލާތަކެއްގައި އީރާނުގެ ނިއުކްލިޔަރ ސައެންޓިސްޓަކު އަވަހާރަ ވެއްޖެއެވެ. އީރާނުގެ ފުލުހުން ބުނިގޮތުގައި ދަރްބޫޝް ރިޟާއީ ނަމަކަށް ކިޔާ ޢުމުރުން 35 އަހަރުގެ ނިއުކްލިޔަރ ސައެންޓިސްޓް އަވަހާރަކޮށްލާފައިވަނީ ތެހެރާންގެ އިރުމަތީ ގައިވާ ބަނީ ހާޝިމް ސަރަޙައްދުގައި ހުންނަ އޭނާގެ ގޭގެކުރިމަތިން ހިންގަވާފައި ދަނިކޮށް ސައިކަލްތަކެއްގައި އައި ބަޔަކު އޭނާގެ ބޮލަށާއި މެޔަށް ބަޑިޖަހައިގެންނެވެ.

ބަޑިޖެހިވަގުތު އޭނާގެ އަންހެނުންވެސް ކައިރީގައި ހުރުމުގެ ސަބަބުން އެޙަމަލާގައި އޭނާގެ އަންހެނުންވެސް ޒަޚަމްވި ކަމަށް ފުލުހުން ބުނެއެވެ. އަވަހާރަކޮށްލި ދަރްބޫޝް ރިޟާއީ އަކީ ނިއުކްލިޔަރ ފިޒިކްސްގެ ޕްރޮފެސަރެކެވެ. އޭނާއަކީ އީރާނުގެ ޔުނިވަރސިޓީތަކުގައި ކިޔަވައިދޭ ޕްރޮފެސަރެއްގެ އިތުރުން އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމްގައި ޙަރަކާތްތެރިވާ ސެއެންސްވެރިންގެ ޓީމްގައި ހިމެނޭ ބެފުޅެއް ކަމަށްވެސް އީރާނުން ބުނެއެވެ.

ދަރްބޫޝް އަވަހާރަކޮށްލާފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. އެޖަރީމާ ހިންގުމަށްފަހު ޤާތިލުން ފިލާފައިވާތީ އެމީހުން ހޯދުމަށް އިރާނުގެ ފުލުހުން ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުންގެންދާ ކަމަށް ޚަބަރު ލިބެއެވެ.

2010 ވަނަ އަހަރުވެސް އީރާނުގެ ނިއުކްލިޔަރ ސައެންޓިސްޓެއް ކަމަށްވާ މަސްއޫދު ޢަލީ މުޙައްމަދީ އަވަހާރަކޮށްލާފައިވެއެވެ. މަސްޢޫދުވެސް އަަހާރަކޮށްލާފައިވަނީ ތެހެރާންގައި ހުންނަ އޭނާގެ ގެއިން ނުކުމެ ވަޑައިގެން ގޭގެ ކުރިމަތީގައިވާ އޭނާގެ ކާރަށް އެރިވަގުތު ގޮވާތަކެތި ހަރުކޮށްފައިވާ ސައިކަލެއް ގޮއްވާލައިގެންނެވެ.

ގޮވާތަކެތި ހަރުކޮށްފައިވާ ސައިކަލްހުރީ މަސްއޫދުގެ ކާރުގެ ކައިރީގައި ޕާކް ކޮށްފައި ކަމަށް އެދުވަސްވަރު އީރާންގެ ފުލުހުން ބުނެފައިވެއެވެ. 2010 ވަނަ އަހަރު އަވަހާރަކޮށްލި މަސްއޫދަކީ އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމްގައި މަސައްކަތްކުރާ ސައެންޓިސްޓެއް ކަމަށް ނުވިޔަސް އޭނާއަކީ ތެހެރާން ޔުނިވަރސިޓީގައި ނިއުކްލިޔަރ ފިޒިކްސް ކިޔަވައިދެމުން ގެންދިޔަ ޕްރޮފެސަރެކެވެ.

އެޙާދިޘާއަށްފަހު އީރާނުންވަނީ އެމެރިކާއާއި އިސްރާއީލުގެ ޖާސޫސުކޮށްދޭ ނެޓްވާކެއްގެ ބަޔަކު ހައްޔަރުކޮށް އޭގެ ތެރެއިން ބައެއްމީހުންނަށް މަރުގެ އަދަބުވެސް ދީފައެވެ. އީރާނުގެ ނިއުކްލިޔަރ ސައެންޓިސްޓުން މެރުމުގެފަހަތުގައިވާ ކަމަށް އީރާނުން ޝައްކުކުރަނީ އިސްރާއީލާއި އެމެރިކާގެ އިތުރުން އީރާނުގެ ވާތުފިޔައިގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ މުޖާހީދީ ޚަލްޤު ޖަމާޢަތެވެ.

ޢިރާޤުގެ ކުރީގެ ރައީސް ސައްދާމް ޙުސައިންގެ ދުވަސްވަރު ސައްދާމްގެ އެހީގައި ޙަރަކާތްތެރިވަމުން ދިޔަ މުޖާހިދީ ޚަލްޤު ޖަމާޢަތަކީ އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކުންވެސް ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ލޭބަލްކޮށްފައިވާ ހަނގުރާމަވެރި ޖަމާޢަތެކެވެ.

އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ހުއްޓުވުމަށް އެމެރިކާއާއި އިސްރާއީލުން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބު ނުވުމުން އީރާނުގެ ނިއުކްލިޔަރ ސައެންޓިސްޓުން މެރުމުގެ ސިއްރު ޕްރޮގްރާމެއް އިސްރާއީލުގެ ޖާސޫސީ އިދާރާ "މޫސާދް" އިން ކުރިޔަށް ގެންދާކަމުގެ ރިޕޯޓްތައް އިސްރާއީލާއި ހުޅަނގުގެ ބައެއް ނޫސްތަކުގައި އެކިފަހަރުމަތިން ޝާއިޢުކޮށްފައިވެއެވެ. (ރޮއިޓާސް)